ހުޅުމާލެ ދެވަނަ ފިޔަވަހީގެ "އަމާން ދޯދި" ފްލެޓެއްގެ ދެވަނަ ބުރިން ރޭ ވެއްޓުނު 16 އަހަރުގެ ފިރިހެން ކުއްޖާއަށް އައިޖީއެމްއެޗްގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާދެމުން އަންނަ ކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ. ރޭ އެގާރަޖަހާ ކަންހާއިރު ހިނގި މި ހާދިސާގެ ރިޕޯޓް ލިބުމާއެކު، ފުލުހުންގެ އެހީތެރިކަމާއެކު އެ ކުއްޖާ އެންމެ ފުރަތަމަ ގެންދިޔައީ ހުޅުމާލޭ ހޮސްޕިޓަލަށެވެ.
ހުޅުމާލޭ ހޮސްޕިޓަލުން މައުލޫމާތު ދިން ގޮތުގައި، ރޭ 11:25 ހާއިރު ކުއްޖާ ހޮސްޕިޓަލަށް ގެނައިއިރު ހޭ ހުއްޓެވެ. ނަމަވެސް، ކަރުންނާއި، ނޭފަތުން އަދި ކަންފަތުން ލޭ އަންނަމުން ދިއުމުގެ ސަބަބުން ވާހަކަދެއްކުމަށް ބޮޑެތި އުނދަގޫތަކެއް ހުއްޓެވެ. މީގެ އިތުރުން، އެ ކުއްޖާއަށް ބޮޑެތި އަނިޔާތައް ލިބިފައިވީނަމަވެސް އެ ހޮސްޕިޓަލުން ހެދި ސިކުނޑީގެ ސީޓީ ސްކޭނުން އެތެރެހައްޓަށް ލޭއެޅުން ފަދަ ކަމެއް ފާހަގަކުރެވިފައެއް ނެތެވެ.
އެ ކުއްޖާއަށް އިތުރު ފަރުވާ ދިނުމަށްޓަކައި ރޭ ފަތިހު 3:40 އެހާކަންހާއިރު ވަނީ އައިޖީއެމްއެޗަށް ބަދަލުކޮށްފައެވެ. އައިޖީއެމްއެޗުން ކުއްޖާގެ ހާލަތާ ގުޅޭގޮތުން ބުނީ އޭނާއަށް ފަރުވާދެނީ ވެންޓިލޭޓަރުގައި ކަމަށެވެ. ނަމަވެސް ލިބިފައިވާ އަނިޔާތަކުގެ އިތުރު ތަފްސީލެއް ހާމައެއް ނުކުރެއެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި ސާފެއް ނުވެއެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ބަލަންޖެހޭ ކަންކަން އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.




