އިލެކްޝަންސް ކޮމިޝަން ގެ ރައީސް މުޙައްމަދު ޒާހިދު މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން ހުސްވި މެންބަރުކަމުގެ މަގާމަށް، ހައްޖު ކޯޕަރޭޝަނުގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޝަކީލް އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ 51 މެންބަރުންގެ ވޯޓުން ރުހުންދީފައެވެ. ޝަކީލް އެ މަގާމަށް އައްޔަންކުރަން ފާސްކުރީ ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ނަން ދިރާސާކުރުމަށްފަހު، އޭނާއަށް ރުހުން ދޭން ފެންނަ ކަމަށް މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމި ރިޕޯޓަށް ބިނާކޮށެވެ. ޝަކީލަކީ މީގެ ކުރިން ވެސް އީސީގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން ސެޕްޓެންބަރު 2013 އިން ފެށިގެން އެ ކޮމިޝަނުގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމު ފުރުއްވުމަށްފަހު، ޑިސެންބަރު 2014 އިން މެއި 2018 އާ ހަމައަށް އޭނާ ވަނީ ކޮމިޝަނުގެ މެންބަރުކަން ވެސް ކުރައްވައިފައެވެ.
މަޖިލީހުގެ ކޮމިޓީގައި ވާހަކަދައްކަވަމުން ޝަކީލް ވިދާޅުވީ، މީގެކުރިން އީސީގެ މެންބަރުކަމުން އޭނާ އިސްތިއުފާ ދެއްވީ މިނިވަންކަމާއެކު މަސްއޫލިއްޔަތު އަދާކުރެވޭނެ ފަދަ މާހައުލެއް އޭރު ނެތުމުން ކަމަށެވެ. ނަމަވެސް، މިފަހަރު މަގާމާ ހަވާލުވެވަޑައިގެން ފުރިހަމަ މިނިވަންކަމާއެކު މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. މީގެ އިތުރުން، ހުރިހާ ސިޔާސީ ޕާޓީތަކެއްގެ ކަންބޮޑުވުންތައް އަޑުއަހައި، މަޝްވަރާކުރުމުގެ ފުރުސަތު ފަހިކޮށްދެއްވާނެ ކަމަށް ވެސް ޝަކީލް ވިދާޅުވިއެވެ.
ޖުމްލަ 5 މެންބަރުން ތިއްބަވާ އިލެކްޝަންސް ކޮމިޝަނަށް ޝަކީލް އައްޔަންކުރުމުން ކޮމިޝަނުގެ މެންބަރުންގެ އަދަދު މިހާރު ވަނީ ހަމަވެފައެވެ. މިހާރު ކޮމިޝަނުގައި ތިއްބަވާ މެންބަރުންނަކީ ނައިބު ރައީސް ޢަބްދުއްރަޙްމާން ޞަލާޙު ރަޝީދާއި، ޙަސަން ޒަކަރިއްޔާއާއި، ޢަބްދުލްޙަސީބް އިސްމާޢީލްގެ އިތުރުން އަލްއުސްތާޛް ރިފްޢަތު ޢަބްދުﷲ އެވެ. ކޮމިޝަނުގެ ރައީސްގެ މަގާމު މިވަގުތު އޮތީ ހުސްކޮށެވެ. އީސީގެ ގާނޫނު ބުނާގޮތުން ކޮމިޝަނުގެ ރައީސަކު އައްޔަންކުރާނީ މެންބަރުންގެ ތެރެއިން މަޖިލީހުގެ ރުހުމާ އެކު ރައީސުލްޖުމްހޫރިއްޔާއެވެ.




