ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގެ ތަހުގީގަށް ހޯދަން ބޭނުންވާ މީހަކު ހޯދައި ހައްޔަރުކުރުމަށްޓަކައި، ދިވެހި ފުލުހުންގެ ހިދުމަތުން އިންޓަޕޯލް މެދުވެރިކޮށް ރެޑް ނޯޓިސް ނެރެފިއެވެ.
ރެޑް ނޯޓިސް ނެރެފައިވަނީ ފ. ނިލަންދޫ / ރާހި، އިޒްޔާން ޢަބްދުލްޙަމީދު (38އ) ހޯދުމަށެވެ.
ފުލުހުން ހާމަކުރި ގޮތުގައި މި މައްސަލަ ރިޕޯޓުކުރުމާ ގުޅިގެން އޭނާ ވަނީ ރާއްޖެއިން ބޭރަށް ފުރައިގެން ގޮސްފައިވާކަން ތަޙުޤީޤަށް ވަނީ އެނގިފައެވެ. އަދި އޭނާ މިހާރު އުޅޭ ތަނެއް މިހާތަނަށް އެނގިފައި ނުވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
އިންޓަޕޯލް ރެޑް ނޯޓިސް ނެރެނީ، ބައިނަލްއަގުވާމީ ގާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އެހީތެރިކަމާއެކު، ކުށުގެ ތުހުމަތުކުރެވޭ ފަރާތްތައް ހޯދައި ގާނޫނީ އިޖުރާއަތްތަކުގެ ތެރެއިން އެމީހުން ހައްޔަރުކުރުމަށް މަގުފަހިކުރުމަށެވެ. މި ނޯޓިސްތަކަކީ ތަހުގީގަށް ހާޒިރުކުރުމަށް ނުވަތަ ގާނޫނީ ފިޔަވަޅު އެޅުމަށްޓަކައި ހޯދާ ފަރާތްތަކުގެ މައުލޫމާތު އާންމުކުރުމަށް ނެރޭ ނޯޓިސްތަކެކެވެ.




