ހުޅުމާލެ ފޭސް 2 ގައި 1000 ހައުސިން ޔުނިޓު ތަރައްގީކުރުމުގެ މަޝްރޫއު މި ހަފުތާގެ ތެރޭގައި ކުންފުނިތަކާ ހަވާލުކުރުމަށް ނިންމާފައިވާ ކަމަށް މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އަރބަން ޑިވެލޮޕްމެންޓްއިން ހާމަކޮށްފިއެވެ. ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަހްމަދު ނާޒިމް މުހައްމަދު ވިދާޅުވީ، މި މަސައްކަތް ހަވާލުކުރަން ނިންމާފައިވަނީ ސައްތައިން ސައްތަ ދިވެހި ކުންފުނިތަކާ ކަމަށެވެ.
މި މަޝްރޫއު ކުރިއަށްގެންދިއުމަށް ރާވާފައިވަނީ ޖުމްލަ 5 ކުންފުންޏަކާ ހަވާލުކޮށްގެންނެވެ. އޭގެ ތެރެއިން ކޮންމެ ކުންފުންޏަކަށް 200 ހައުސިން ޔުނިޓު އެޅުމަށް ހަވާލުކުރާއިރު، ކޮންމެ މަޝްރޫއެއްގެ ދަށުން ދެ ކޮޓަރީގެ 60 އެޕާޓްމަންޓާއި ތިން ކޮޓަރީގެ 140 އެޕާޓްމަންޓް އިމާރާތްކުރާނެއެވެ. ސްޓޭޓް މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި މި ޔުނިޓުތައް ވެގެންދާނީ މިހާތަނަށް ރާއްޖޭގައި ހަދާފައިވާ ސޯޝަލް ހައުސިންތަކަށްވުރެ ޖާގަ ތަނަވަސް އަދި ފިނިޝިންގެ ފެންވަރު ރަނގަޅު ތަންތަނަށެވެ. އެގޮތުން ދެ ކޮޓަރީގެ އެޕާޓްމަންޓުތަކުގައި 700 އަކަފޫޓު އަދި ތިން ކޮޓަރީގެ އެޕާޓްމަންޓުތަކުގައި 950 އަކަފޫޓަށްވުރެ ބޮޑު ޖާގައެއް ހުންނާނެއެވެ.
ބޯހިޔާވެހިކަމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، މާލެ ސަރަހައްދާއި އަތޮޅުތަކުގައި ގިނަ މަޝްރޫއުތަކެއް ދަނީ ހިންގަމުންނެވެ. އެގޮތުން މިހާރުވެސް ހުޅުމާލެ ފޭސް 1 އިން ތިން ބިމަކާއި، ވިލިމާލެއިން އެއް ބިން ދިވެހި ކުންފުނިތަކާ ހަވާލުކޮށްފައިވާއިރު، ޗައިނާގެ ދެ ކުންފުންޏަކާ ވެސް ހުޅުމާލެ ފޭސް 2 އިން ބިންތަކެއް ހަވާލުކޮށްފައިވާ ކަމަށް ނާޒިމް ވިދާޅުވިއެވެ.




