ހުޅުމާލެ ފޭސް 2 ގައި ބިލަބޮންގް އިންޓަނޭޝަނަލް ހައިސްކޫލާއި ކެންގަރޫ ކިޑްސްގެ އާ ކެމްޕަސް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް ރަސްމީކޮށް ފަށައިފިއެވެ. އިއްޔެ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި ކެމްޕަހުގެ ބިންގާ އަޅުއްވައިދެއްވީ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު މުހައްމަދާއި، އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރާއި، ލައިޓް ހައުސް ލާނިން ގްރޫޕުގެ ސީއީއޯ ޕްރަޖޯދް ރާޖަންގެ އިތުރުން އައިލެންޑާސް އެޑިއުކޭޝަންގެ ޗެއާމަން އަބްދުއްރަޝީދެވެ. ބިންގާ އެޅުމުގެ އިތުރުން، އެތަނުގެ އޮޕަރޭޝަންތަކާ ހަވާލުވުމުގެ އެއްބަސްވުމުގައި އައިލެންޑާސް އެޑިއުކޭޝަނާއި ލައިޓްހައުސް އެޑިއުކޭޝަންއާ ދެމެދު ވަނީ ސޮއިކޮށްފައެވެ.
އައިލެންޑާސް އެޑިއުކޭޝަނުން ތަރައްގީކުރާ މި ކެމްޕަހުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމައި، އަންނަ އަހަރުގެ ޖެނުއަރީ މަހު ޕްރީ ސްކޫލް ފެންވަރަށް ކިޔަވައިދޭން ފެށުމަށް ވަނީ އަމާޒު ހިފާފައެވެ. އަދި އަންނަ އަހަރު ގްރޭޑް 1 އަދި 2 ގެ ކްލާސްތައް ވެސް ފެށުމަށް ވިސްނަމުންދާ ކަމަށާއި، އޭގެ ފަހުން ކޮންމެ އަހަރަކު ވެސް އާ ގްރޭޑެއް ތައާރަފްކުރަމުންދާނެ ކަމަށް އެ ސްކޫލުން ހާމަކުރެއެވެ. އެގްޒެކެޓިވް ޑިރެކްޓަރު އަހުމަދު އަދްލީ ރަޝީދު ވިދާޅުވީ، އެ ކުންފުނީގެ ވިސްނުމަކީ ގިނަ ސްކޫލްތަކެއް ހުޅުވުމުގެ ބަދަލުގައި ރާއްޖޭގެ ތައުލީމީ ދާއިރާއަށް ފެންވަރު ރަނގަޅު، އިންކްލޫސިވް ބަދަލުތަކެއް ގެނައުން ކަމަށެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ލައިޓް ހައުސް ލާނިން ގްރޫޕުގެ ސީއީއޯ ޕްރަޖޯދް ވިދާޅުވީ، މި އާ ކެމްޕަހާ އެކު ހުޅުމާލޭގެ ތައުލީމީ ފެންވަރު އިތުރު ހަރުފަތަކަށް އުފުލިގެންދާނެ ކަމަށެވެ. އަދި ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު ފާހަގަކުރެއްވި ގޮތުގައި، ހުޅުމާލޭގައި މިފަދަ ކެމްޕަހެއް ގާއިމުވުމުން ކިޔެވުމަށްޓަކައި މާލެއަށް ދަތުރުކުރާ ދަރިވަރުންނާއި ބެލެނިވެރިންނަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ. މީގެ އިތުރުން، ރާއްޖޭގެ ތައުލީމީ ދާއިރާ ކުރިއެރުވުމުގައި އައިލެންޑާސް ފަދަ އަމިއްލަ ކުންފުނިތަކުގެ ދައުރު ބޮޑުކަން އޭނާ ފާހަގަކުރެއްވިއެވެ. އާ ކެމްޕަހާ ގުޅޭ އިތުރު ތަފްސީލުތައް ސްކޫލްގެ ވައިބާ ކޮމިއުނިޓީ މެދުވެރިކޮށް ބެލެނިވެރިންނާ ހިއްސާކުރަމުންދާނެ ކަމަށް ބިލަބޮންގުން ބުންޏެވެ.




