ރާއްޖޭން މަހަކު 63 ޓަނުގެ މޫދު ވިނަ އެކްސްޕޯޓު ކުރަމުންދާ ކަމަށާއި، މި ވިޔަފާރިން ކަޅުބިލަމަހުގެ މަސްވެރިކަމާ އެއްވަރުގެ ބޮޑު އާމްދަނީއެއް ހޯދުމަކީ ސަރުކާރުގެ އުއްމީދެއް ކަމަށް ފިޝަރީސް މިނިސްޓްރީން ބުނެފިއެވެ. ޕީއެސްއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު މުއްތަލިބު ވިދާޅުވީ، ބ. ފެހެންދޫގައި ކުންފުންޏަކުން އެންމެ 100 ކިލޯގެ މޫދުވިނައިން ފެށި ތަޖުރިބާ މިހާރު ވަރަށް ކާމިޔާބު ކަމާއެކު ފުޅާވެފައިވާ ކަމަށެވެ. މިއީ ރަނގަޅު އިންވެސްޓުމަންޓެއް ކަމަށްވުމުން، މި މަސައްކަތް މުޅި ރާއްޖެއަށް ފުޅާކުރުމަށް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.
ރާއްޖޭގައި މެރިކަލްޗާ ނުވަތަ ކަނޑުފަޅުގެ ދަނޑުވެރިކަން ކުރިއެރުވުމަށް ކ. މަނިޔަފުއްޓާއި، މ. އަތޮޅާއި، ތ. އަތޮޅުގެ އިތުރުން ބޮޑު ތިލަދުންމަތި ވަނީ ޚާއްސަ ސަރަހައްދުތަކެއްގެ ގޮތުގައި ކަނޑައަޅާފައެވެ. ފިޝަރީސް މިނިސްޓަރު އަހުމަދު ޝިޔާމް މީގެ ކުރިން ވިދާޅުވެފައިވާ ގޮތުގައި، ރާއްޖެއަށް މަސް ބޭރުކޮށްގެން ލިބޭ 90 މިލިއަން ޑޮލަރުގެ އާމްދަނީގެ ބޮޑު ބަޔަކީ ކަޅުބިލަމަހުގެ ހިއްސާއެވެ. އަދި މަސް ޕްރޮސެސްކުރާ މިންވަރު އިތުރުކޮށްގެން އެ އާމްދަނީ 190 މިލިއަން ޑޮލަރަށް ބޮޑުކުރަން ސަރުކާރުން ރާވާފައިވެއެވެ.
މެރިކަލްޗާ ސިނާއަތަކީ ރާއްޖެއަށް ބިލިއަނުން ރުފިޔާގެ ނަފާ ހޯދޭނެ ފަދަ ބޮޑު ދާއިރާއެއް ނަމަވެސް، މީގެ ކުރީގެ ސަރުކާރުތަކުން މި ސިނާއަތް ކުރިއަރުވަން އެދެވޭ މަސައްކަތްތަކެއް ކޮށްފައެއް ނުވެއެވެ. ނަމަވެސް މިހާރުގެ އަމާޒަކީ ކައިރި މުސްތަގުބަލެއްގައި މޫދުވިނައިގެ ވިޔަފާރި ފުޅާކޮށް، އިގްތިސޯދަށް އޭގެ ފުރިހަމަ ފައިދާ ހޯދުމެވެ.




