ކުރިއަށް އޮތް ގަޑިތަކުގައި ރާއްޖޭގެ ބައެއް ހިސާބުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް، މެޓް އޮފީސް އިން ހުދު ސަމާލު (ވައިޓް އެލާޓް) ނެރެފިއެވެ.
މެޓް އޮފީހުން މި ސަމާލު ނެރެފައިވަނީ ކ އަތޮޅުން ފެށިގެން ދ އަތޮޅާ ދެމެދުގެ ސަރަހައްދުތަކަށެވެ. މިއަދު ހެނދުނު 6:30 އިން ފެށިގެން މެންދުރު 12:30 އާ ހަމައަށް ނެރުނު މި ސަމާލުގައި ބުނެފައިވާ ގޮތުގައި، އެ ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ، ކަނޑުތައް ބޮޑަށް ގަދަވާނެ ކަމަށް ވެސް އެ އިދާރާއިން ލަފާކުރެއެވެ.
މޫސުން ގޯސްވެ ކަނޑުގަދަވާނެ ކަމަށް ބެލެވޭތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް ކަމާބެހޭ އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ދަތުރަށް ފުރުމުގެ ކުރިން އެންމެ ފަހުގެ މޫސުމީ މަޢުލޫމާތު ސާފުކުރުމަކީ ރައްކާތެރިކަމުގެ ގޮތުން ކޮންމެހެން މުހިންމު ކަމެއްގެ ގޮތުގައި ވަނީ ފާހަގަކޮށްފައެވެ.




