މި އަހަރުގެ ދިވެހި ސާފް ލީގުގެ ފުރަތަމަ އިވެންޓް "އެލޭއިސް" ގައި ކުރިއަށްދިޔަ ބޮޑީބޯޑިން އޯޕަން ޑިވިޝަނާއި އަލަށް ތައާރަފުކުރި ޖޫނިއާ ޑިވިޝަންގެ ޗެމްޕިއަންކަން އުމުރުން އެންމެ 15 އަހަރުގެ އަހުމަދު ޖިވާއު ޖިހާދު ހޯދައިފިއެވެ.
އޯޕަން ޑިވިޝަންގެ ފައިނަލް ހީޓުގައި ޖިވާއު ވާދަކުރީ ތަޖުރިބާކާރު ސާފަރު އަލީ ޖާވިދު (ޖާއްޓެ) އާއެވެ. މި ހީޓުގައި ޖިވާއު އެންމެ މަތިން ސްކޯކުރި ދެ ރާޅަށް 7.17 އާއި 6 ޕޮއިންޓް ލިބުނު ނަމަވެސް، ހީޓުގެ ތެރޭގައި ހިނގި އިންޓަފިއަރެންސެއްގެ ސަބަބުން އޭނާގެ ދެވަނަ ރާޅުގެ ސްކޯއިން 50 ޕަސެންޓް އުނިކޮށް ގުނީ 3 ޕޮއިންޓުގެ ގޮތުގައެވެ. އެހެންނަމަވެސް، ޖުމްލަ 10.17 ޕޮއިންޓާއެކު އޭނާ ވަނީ 10.07 ޕޮއިންޓް ހޯދި ޖާއްޓޭގެ މައްޗަށް 0.1 ޕޮއިންޓްގެ ހަނި ތަފާތަކުން ކުރިހޯދައި ޗެމްޕިއަންކަން ކަށަވަރުކޮށްފައެވެ. ޖުމްލަ 19 ބޮޑީބޯޑަރުން ވާދަކުރި މި ބައިގެ ސެމީ ފައިނަލްގައި ޖިވާއު ވަނީ މިދިޔަ އަހަރުގެ ލީގު ޗެމްޕިއަން އާމިން އުމަރު މޫސާ ބަލިކޮށްފައެވެ. އަދި ޖާއްޓެ ފައިނަލަށް ދަތުރުކުރީ ސެމީގައި ޝިމާލް ޝަމީމްއާ ވާދަކޮށް ކުރިހޯދައިގެންނެވެ.
މީގެއިތުރުން، މޯލްޑިވްސް ސާފިން އެސޯސިއޭޝަން އިން މި މުބާރާތުގައި ފުރަތަމަ ފަހަރަށް ކުރިއަށްގެންދިޔަ ޖޫނިއާ ބޮޑީބޯޑިން ޑިވިޝަންގެ ތަށިވެސް އުފުލާލީ ޖިވާއުއެވެ. ޖުމްލަ 20 އެތުލީޓުން ބައިވެރިވި މި ޑިވިޝަންގެ ފައިނަލް ހީޓުގައި ހަތަރު ބޯޑަރަކު ވާދަކުރިއިރު، ޖިވާއު ވަނީ 9.40 ޕޮއިންޓް ހޯދާފައެވެ. މި ބައިން ދެވަނައަށް ދިޔަ ނޫހް މުހައްމަދު ދުނެއިމް އިރުޝާދަށް 8.44 ޕޮއިންޓް ލިބުނުއިރު، ތިންވަނައަށް ދިޔަ މުހައްމަދު ލިބާންއަށް 6.50 ޕޮއިންޓް އަދި ހަތަރުވަނައިގައި ނިންމި ޝާއިފް ޝަރީފްއަށް ލިބުނީ 6.24 ޕޮއިންޓެވެ.




