ސައުދީ އަރަބިއްޔާގެ ބަޖެޓް އެއާލައިން، ފްލައިނާސް އިން ރާއްޖެއަށް ކުރާ ޝެޑިއުލް ދަތުރުތައް އަލުން ފަށައި، އެ އެއާލައިންގެ ފުރަތަމަ ފްލައިޓް މިއަދު ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް އަށް ޖައްސާފައެވެ.
ރިޔާދުގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓާއި ރާއްޖެއާ ދެމެދު ކޮންމެ ހަފުތާއަކު ތިން ދަތުރު ކުރުމަށް ހަމަޖެހިފައިވާ މި ސަރަހައްދީ ގުޅުމުގެ ސަބަބުން، ދެ ޤައުމުގެ ދެމެދުގައި އޮތް ވައިގެ ދަތުރުފަތުރުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް އިން މައުލޫމާތު ދެއެވެ. ދަތުރުތައް އަލުން ފެށުމުގެ ގޮތުން ރިޔާދުން އައި ފުރަތަމަ ފްލައިޓަށް އެއާޕޯޓުން ވޯޓާ ސެލިއުޓެއްގެ މަރުހަބާއެއް ކިޔާފައިވާއިރު، ރާއްޖެއަށް އައި އަދި މި ފްލައިޓުން ފުރި ފަސިންޖަރުންނަށް ދިވެހި ސަގާފީ ބޮޑުބެރުގެ ހަރަކާތްތަކާއެކު ހޫނު މަރުހަބާއެއް ކިޔައި، ހަނދާނީ ހަދިޔާ ވަނީ ބަހާފައެވެ.
އެމްއޭސީއެލުން ފާހަގަކުރި ގޮތުގައި، ފްލައިނާސްގެ ދަތުރުތައް އަލުން ފެށުމަކީ މެދުއިރުމަތީގެ މާކެޓުން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ލިބޭނެ ބޮޑު ލުޔެކެވެ. ސައުދީ އަރަބިއްޔާއަކީ ރާއްޖޭގެ ފަތުރުވެރިކަމަށް މުހިންމު ޤައުމަކަށް ވުމުން، މި ދަތުރުތަކުގެ ސަބަބުން އެ ސަރަހައްދުން ރާއްޖެއަށް އޮތް ޑިމާންޑް އިތުރަށް އުފުލިގެންދާނެއެވެ. ވީއައިއޭއަށް ދަތުރުކުރާ އެއާލައިންތައް އިތުރުކުރުމަށް އެމްއޭސީއެލުން ކުރަމުންދާ މަސައްކަތްތަކުގެ މައިގަނޑު އަމާޒަކީ ބައިނަލްއަޤުވާމީ އެއާލައިންތަކާ ގުޅިގެން ރާއްޖޭގެ އޭވިއޭޝަން ދާއިރާ ކުރިއަރުވައި، ފަސިންޖަރުންނަށް އެންމެ މަތީ ފެންވަރުގެ ޚިދުމަތްތަކެއް ދެމެހެއްޓުމެވެ.




