މިއަހަރުގެ ތެރޭގައި ދިވެހިރާއްޖެއަށް ޒިޔާރަތްކުރި 1 މިލިއަން ވަނަ ފަތުރުވެރިޔާއަށް މިއަދު ވަނީ ރާއްޖެއިން ހޫނު މަރުހަބާއެއް ކިޔާފައެވެ. ޤަޠަރު އެއާވޭސްގެ މަތިންދާބޯޓަކުން ރާއްޖެއައި މި ފަތުރުވެރިޔާއަކީ ސްޕެއިންއަށް ނިސްބަތްވާ އަލްމުދޭނާ އެސްޕަރްޒާއެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާއާއި އޭނާގެ ފިރިމީހާއަށް މަރުހަބާ ދެންނެވުމަށް ޓޫރިޒަމް މިނިސްޓަރު މުޙައްމަދު އަމީނާއި، ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އިބްރާހީމް ޝިޢުރީގެ އިތުރުން ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް އައިސްފައިވަނީ ޖުމްލަ 988,597 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 1.05 މިލިއަން ފަތުރުވެރިންނާ އަޅާބަލާއިރު ފަސް ޕަސެންޓުގެ ދަށްވުމެކެވެ. މި ދުވަސްވަރަކީ އާންމުގޮތެއްގައި ވެސް ފަތުރުވެރިން އަންނަ މިންވަރު މަދު ދުވަސްވަރަކަށް ވުމުގެ އިތުރުން، މިދިޔަ ފެބްރުވަރީ މަހުގެ ފަހުކޮޅުން ފެށިގެން މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ވެސް ރާއްޖޭގެ ފަތުރުވެރިކަމަށް ވަނީ ބޮޑު ލޮޅުމެއް އަރާފައެވެ. މިކަމުގެ ސަބަބުން ސިނާއަތަށް ގެއްލުންވެ، ޤައުމަށް ޑޮލަރު ލިބޭ މިންވަރު ވެސް އަންނަނީ ދަށްވަމުންނެވެ.
އެ ހަނގުރާމައިގެ ނޭދެވޭ އަސަރުތަކަށް ބަލާއިރު، މިދިޔަ މާރިޗު މަހު ރާއްޖެ އައި ފަތުރުވެރިންގެ އަދަދު ވަނީ ވޭތުވެދިޔަ އަހަރުގެ އެ މަހާ އަޅައިބަލާއިރު 20.7 ޕަސެންޓް ދަށްވެފައެވެ. އަދި އޭޕްރިލް މަހު ވެސް 24.4 ޕަސެންޓްގެ ދަށްވުމެއް ފެނިގެންދިޔަ ނަމަވެސް، މިދިޔަ މެއި މަހުގެ ތެރޭގައި ވަނީ 1.7 ޕަސެންޓްގެ ކުޑަ ކުރިއެރުމެއް ރެކޯޑުކުރެވިފައެވެ. އެމްއެމްއޭއިން ދިވެހި ވިޔަފާރިތައް ބައިވެރިކޮށްގެން ހަދާފައިވާ ސާވޭއަކުން ދައްކާ ގޮތުގައި، ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ވިޔަފާރިތަކުން ލަފާކުރަނީ މިހާރު ހިނގަމުންދާ ދެވަނަ ކުއާޓަރުގައި މި ސިނާއަތުގެ ކުރިއެރުން އިތުރަށް މަޑުޖެހިގެންދާނެ ކަމަށެވެ.




