ދިވެހި ފުލުހުންގެ ޚިދުމަތުގެ އެންޓި ސްކޭމް ސެންޓަރުން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން، ތުހުމަތުކުރެވޭ މީހަކު ހޯދުމަށް އާންމުންގެ އެހީތެރިކަމަށް ފުލުހުން އެދިއްޖެއެވެ. އެގޮތުން ފުލުހުން ރޭ އާންމުކުރި ބަޔާނުގައި ހިމަނާފައިވާ ވީޑިއޯއިން ފެންނަނީ އޭޓީއެމެއްގެ ކައިރީގައި ހަރަކާތްތެރިވާ ޒުވާން ފިރިހެނެކެވެ. އޭނާއަކީ ކާކުކަން ދެނެގަނެވިފައި ނުވާތީ، އޭނާއާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، އެންޓި ސްކޭމް ސެންޓަރުގެ ނަންބަރު 9212020 އަށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. ކުށްވެރިން ހޯދުމުގައި ރައްޔިތުންގެ ފަރާތުން ލިބޭ ބޮޑު އެއްބާރުލުން ފާހަގަކޮށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފައެވެ.
ރާއްޖޭގައި އިތުރުވަމުންދާ ސްކޭމްތައް ހުއްޓުވުމަށް ފުލުހުން ދަނީ ޚާއްޞަ ފިޔަވަޅުތަކެއް އަޅަމުންނެވެ. އެގޮތުން ފާއިތުވި އަހަރެއްހާ ދުވަހުގެ ތެރޭގައި އެންޓި ސްކޭމް ސެންޓަރަށް 2،259 އަށްވުރެ ގިނަ މައްސަލަ ހުށަހެޅިފައިވާއިރު، އޭގެ ތެރެއިން ދެބައިކުޅައެއްބަޔަކީ އޮންލައިން ވިޔަފާރިތަކާ ގުޅުންހުރި މައްސަލަތަކެވެ. މި މަސައްކަތްތަކުގެ ތެރެއިން މިހާތަނަށް 3،852 އެކައުންޓެއް ފްރީޒްކޮށް، ގެއްލުނު ފައިސާގެ 37 އިންސައްތަ (10 މިލިއަނަށްވުރެ ގިނަ ރުފިޔާ) ވަނީ އަނބުރާ ހޯދައިދީފައެވެ.
މީގެ އިތުރުން، ބައިނަލްއަޤުވާމީ ސްކޭމް ނެޓްވޯކްތައް ހުއްޓުވުމަށް ބޭރުގެ އިދާރާތަކާ ގުޅިގެން ކުރިއަށްގެންދިޔަ "އޮޕަރޭޝަން ފްރޮންޓިއާ ޕްލަސް" މެދުވެރިކޮށް، ރާއްޖެއިން ބޭރަށް ފޮނުވަން އުޅުނު ގިނަ އަދަދެއްގެ ފައިސާ ވެސް ވަނީ ހިފަހައްޓާފައެވެ. ފުލުހުން ފާހަގަކުރާ ގޮތުގައި މިފަދަ މައްސަލަތައް ތަޙުޤީޤުކުރުމުގައި ދިމާވާ އެންމެ ބޮޑު ހުރަހަކީ މައްސަލަ ރިޕޯޓުކުރުން ލަސްވުމެވެ. އެހެންކަމުން، ޝައްކުކުރެވޭ ފަދަ ކަމެއް ފާހަގަކުރެވިއްޖެނަމަ ވީހާވެސް އަވަހަކަށް އެންޓި ސްކޭމް ސެންޓަރަށް އެންގުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.




