ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ، ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ސަރުކާރުން ފަށާފައިވާ "ދިވެހި ވަޠަނީ ޚިދުމަތުގެ ފަންނީ ތަމްރީނު" ގެ ދެވަނަ ކޯސް ބ. ކިހާދޫގައި ހުންނަ އެމްއެންޑީއެފް ސަރވިސް ކޯރގެ، ސްކޫލު އޮފް އިންޖިނިއަރިންގ އެންޑް ލޮޖިސްޓިކްސްގައި ރަސްމީކޮށް ބާއްވައިފިއެވެ. ނަފުސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ދުޅަހެޔޮ، އަދި ޤައުމިއްޔަތަށް ލޯބިކުރާ ޒިންމާދާރު ޒުވާން ޖީލެއް ބިނާކުރުމުގެ މަޤުޞަދުގައި ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ޙިލްމީއެވެ. ޖުމްލަ 16 ހަފުތާގެ ނުވަތަ 4 މަސްދުވަހުގެ މުއްދަތަށް ކުރިއަށްދާ މި ކޯހުގައި ރާއްޖޭގެ 17 އަތޮޅަކުން 75 ބައިވެރިން ބައިވެރިވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ 62 ފިރިހެން ބައިވެރިންނާއި 13 އަންހެން ބައިވެރިންނެވެ. މި ބައިވެރިން ވަނީ ކޯސް ފެށުމުގެ ކުރިން، ޖޫން 3 ވަނަ ދުވަހު ތަމްރީނުދޭ މަރުކަޒަށް ރިޕޯޓްކޮށްފައެވެ.
މި ތަމްރީނު ޕްރޮގްރާމްގެ ތެރެއިން އޮޓޯ މޯބައިލް އިންޖިނިއަރިންގ، މެރިން އިންޖިނިއަރިންގ، އިލެކްޓްރީޝަން، ރެފްރިޖެރޭޝަން، ވެލްޑިންގ އެންޑް މެޓަލް ފެބްރިކޭޝަން އަދި އޮފީސް މެނޭޖުމަންޓް ފަދަ ސިނާއީ މުހިންމު ދާއިރާތަކުން ފަންނީ ހުނަރުތައް އުނގަންނައިދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ކޯހުގައި ކިޔަވައިދެއްވާނީ އެކި ދާއިރާތަކުން ގިނަ ދުވަހުގެ އަމަލީ ތަޖުރިބާ ލިބިވަޑައިގަންނަވާފައިވާ ސިފައިންގެ މުދައްރިބުންނެވެ. ކޯސް ކާމިޔާބުކަމާއެކު ފުރިހަމަކުރާ ދަރިވަރުންނަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން އެޕްރޫވްކޮށްފައިވާ ލެވެލް 3 ގެ ސެޓިފިކެޓެއް ހާސިލުވާނެއެވެ.
ކޯސް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން މުދައްރިބުންނަށް ވަޢުދު ލައިދިނުމާއި ދަރިވަރުންގެ ޢަޒުމް އައުކުރުން ވެސް ވަނީ ކުރިއަށްގެންގޮސްފައެވެ. އެގޮތުން މުދައްރިބުންނަށް ވަޢުދު ލައިދެއްވީ ސްކޫލުގެ އެކްޒެކެޓިވް އޮފިސަރ، ކެޕްޓަން މުޙައްމަދު ޝަރީފް ކަމަށްވާއިރު، ދަރިވަރުންނަށް ޢަޒުމް އައުކޮށްދެއްވީ ކޮމާންޑިންގ އޮފިސަރ، މޭޖަރ ޙުސައިން ޝާހިދެވެ. މި ޚާއްޞަ ރަސްމިއްޔާތުގައި އެމްއެންޑީއެފްގެ ސީނިއަރ ގިނަ އޮފިސަރުންނާއި، ކޯހުގެ މުދައްރިބުންގެ އިތުރުން ހުރިހާ ދަރިވަރުން ވެސް ބައިވެރިވެފައިވެއެވެ.




