ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، 13 ވަނަ މާކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލުމިނަރީގެ ތެރެއިން ބޭއްވި 8 ވަނަ މާކް ފައުންޑޭޝަން ފަސްޓް ލޭޑީޒް އިނިޝިއޭޓިވް (އެމްއެފްއެފްއެލްއައި) ސަމިޓުގައި މިއަދު ވާހަކަފުޅު ދައްކަވައިފިއެވެ.
އޮންލައިންކޮށް ބޭއްވި މި ސަމިޓުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، މުޖުތަމައެއްގައި ކުރެވޭނެ އެންމެ ފައިދާހުރި އިންވެސްޓްމަންޓަކީ އިންސާނުން ބިނާކުރުން ކަމަށެވެ. އަދި ޖިއޮގްރަފީގެ ގޮތުން ކިތަންމެ ދުރުގައި ހުއްޓަސް، އެންމެންނަށްވެސް ފެންވަރު ރަނގަޅު ސިއްހީ ޚިދުމަތް ލިބެންޖެހޭނެ ކަމަށާއި، ދުރު ރަށެއްގައި އުފަންވާ ކުއްޖަކަށްވެސް ވެރިރަށުގައި އުފަންވާ ކުއްޖަކާ އެއްވަރަށް ދުޅަހެޔޮ މުސްތަގުބަލެއްގެ ފުރުސަތު ލިބެންޖެހޭނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ.
މާކް ފައުންޑޭޝަނާއެކު ރާއްޖެއިން ގާއިމުކޮށްފައިވާ ބަދަހި ގުޅުމުގެ ދަށުން ލިބިފައިވާ ކާމިޔާބީތަކަށް އަލިއަޅުއްވާލައްވަމުން، ސިއްހީ ދާއިރާގެ މުހިންމު ޚާއްސަ ދާއިރާތަކުން ރާއްޖެއަށް 13 ސްކޮލަޝިޕް ލިބިފައިވާކަމާއި، އުފެއްދުންތެރި ދާއިރާތަކުން 8 އެވޯޑެއް ލިބިފައިވާކަމުގެ އިތުރުން 'އެޑިއުކޭޓިންގް ލިންޑާ' ޕްރޮގްރާމުގެ ދަށުން 3،000 ސްކޫލް ކިޓް ހަދިޔާކޮށްފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، 'މޯ ދޭން އެ މަދަރ' ޕްރޮގްރާމުގެ އެމްބެސެޑަރެއްގެ ހައިސިއްޔަތުން ފަސްޓް ލޭޑީ ވަނީ ދަރިމައިވުމުގެ މައްސަލަތައް ކުރިމަތިވާ ފަރާތްތަކާމެދު މުޖުތަމައުން ދެކޭ ނޭދެވޭ ގޮތްތައް ބަދަލުކޮށް، އެފަދަ ފަރާތްތަކަށް އިހުތިރާމާއި ހަމްދަރުދީއާއެކު މުއާމަލާތްކުރުމަށް ގޮވާލައްވާފައެވެ.
ވާހަކަފުޅު ނިންމަވާލައްވަމުން އެކަމަނާ ވަނީ މާކް ފައުންޑޭޝަންގެ 9 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ފޮނުއްވައި، ސިއްހަތާއި ފުރުސަތުތަކަކީ ވަކި ބައެއްގެ އިމްތިޔާޒަކަށް ނުހަދައި، އެންމެންގެ ހައްގަކަށް ހެދުމަށް އެންމެން ގުޅިގެން މަސައްކަތްކުރުމަށް އިލްތިމާސްކުރައްވާފައެވެ.




