ރާއްޖޭގެ ސައިބާ ވެށީގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ނޭޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީ އެއް އުފެއްދުމަށްޓަކައި ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ ސައިބާ ސެކިއުރިޓީގެ ބިލަށް އާންމުންގެ ޚިޔާލު ހުށަހެޅުމުގެ ފުރުސަތު ރައްޔިތުންގެ މަޖިލީހުން ވަނީ ހުޅުވާލައިފިއެވެ. މެދު ހެންވޭރު ދާއިރާގެ ޕީއެންސީ މެންބަރު ޙުސައިން ނާޞިޙް ހުށަހަޅުއްވި މި ބިލު މަޖިލީހަށް ބަލައިގަނެ، އިތުރަށް ދިރާސާކުރުމަށްޓަކައި މިހާރު ވަނީ އިންފޮމޭޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީ ކޮމިޓީއަށް ފޮނުވާފައެވެ. އެ ކޮމިޓީގެ ނިންމުމާ އެއްގޮތަށް، ބިލަށް ޚިޔާލު ނުވަތަ ކޮމެންޓް ހުށަހަޅަން ބޭނުންވާ ފަރާތްތަކަށް
1 ޖުލައި 14:00 ޖެހުމުގެ ކުރިން ކޮމިޓީގެ މެއިލް މެދުވެރިކޮށް ނުވަތަ ލިޔުމުން މަޖިލީހުގެ އިދާރާއަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.
މި ބިލު ހުށަހެޅުމުގެ މައިގަނޑު ބޭނުމަކީ ހަރުދަނާ ގާނޫނީ އޮނިގަނޑެއްގެ ދަށުން ރާއްޖޭގެ ސައިބާ ވެށި ރައްކާތެރިކުރުމާއި، ދައުލަތުގެ އަދި އަމިއްލަ އިދާރާތަކުގެ މުހިންމު އުމްރާނީ ވަސީލަތްތަކާ ގުޅިފައިވާ އިންފޮމޭޝަން ސިސްޓަމްތަކުގައި ފުރިހަމަވާންޖެހޭ މިންގަނޑުތައް ކަނޑައެޅުމެވެ. މީގެ އިތުރުން، އެތެރެއިންނާއި ބޯޑަރުން ބޭރުން ކުރިމަތިވާ ޑިޖިޓަލް ނުރައްކާތައް ވަގުތުން ދެނެގަނެ، ހެކްކުރުމާއި ޑޭޓާ ވަގަށްނެގުން ފަދަ ސައިބާ ސެކިއުރިޓީ ކުއްތައް ހުއްޓުވުމަށް ބޭނުންވާ ފަންނީ ގާބިލުކަމާއި ހަރުދަނާ ނިޒާމެއް ގާނޫނީ އިމުގެ ތެރެއިން ތަރައްގީކުރުން ވެސް މީގެ ތެރޭގައި ހިމެނެއެވެ. ބައިނަލްއަގުވާމީ ސައިބާސެކިއުރިޓީ ސްޓޭންޑަޑްތަކާ އެއްގޮތަށް ގައުމީ ފެންވަރުގައި އަމަލުކުރާނެ ރައްކާތެރިކަމުގެ އުސޫލުތައް މި ބިލުން ތަރުތީބުވެގެންދާނެއެވެ.
މި ބިލުގެ ދަށުން އުފެއްދުމަށް ކަނޑައަޅާފައިވާ ނޭޝަނަލް ސައިބާ ސެކިއުރިޓީ އެޖެންސީ ހިންގުމަށް ހަމަޖެހިފައިވަނީ ޗެއާޕާސަނަކާއި، ޗީފް އެގްޒެކެޓިވެއްގެ އިތުރުން ތިން މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑަކުންނެވެ. މި އެޖެންސީގެ އެންމެ ބޮޑު އެއް މަސްއޫލިއްޔަތަކީ ދައުލަތާއި އަމިއްލަ ދާއިރާއާ ގުޅިގެން ގައުމީ ސައިބާ ސެކިއުރިޓީ ނިޒާމެއް ގާއިމުކޮށް، އެކި ދާއިރާތަކުގެ ބައިވެރިވުން ކަށަވަރުކުރުމެވެ. މި ބިލުގައި ބަޔާންކުރާ ކުށްތަކަށް އެއްހާސް ރުފިޔާއިން ފަށައިގެން އެއް މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާގެ އަދަބު ކަނޑައަޅާފައިވާއިރު، މި ގާނޫނު ދައުލަތުގެ އަދި އަމިއްލަ ދާއިރާގެ މުހިންމު ސިސްޓަމްތަކާއި ނެޓްވާކްތަކުގެ މައްޗަށް ހިނގި ނަމަވެސް، ސަލާމަތީ ޚިދުމަތްތަކުގައި ހިމެނޭ ފަރާތްތަކާއި ސިސްޓަމްތައް މި ގާނޫނުން އިސްތިސްނާވާނެއެވެ.




