ޚާއްސަ އެހީއަށް ބޭނުންވާ މީހުންނަށް އެންސްޕާއިން ދައުލަތުން ދޭ މާލީ އިނާޔަތް ޖަމާވުން ލަސްވާތީ، އެ މައްސަލަ ބަލައިދިނުމަށް އެދި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހިމް (ކުޑޫ) ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފިއެވެ.
މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ އަށް އެޑްރެސް ކުރައްވައި ކުޑޫ ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ޚާއްސަ އެހީތެރިކަމާއި ރައްކާތެރިކަން ފޯރުކޮށްދިނުމަކީ ގާނޫނުއަސާސީން ދައުލަތުގެ މައްޗަށް ލާޒިމްކުރާ ކަމެއް ކަމަށެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން، އެފަދަ ކޮންމެ މީހަކަށްމެ ދައުލަތުންދޭ މާލީ އިނާޔަތް ލިބުމުގެ ހައްގު ކަށަވަރުކޮށްދޭކަން އޭނާ ފާހަގަކުރެއްވިއެވެ.
ނަމަވެސް، ފަހަކަށް އައިސް އެންސްޕާ އިން ދޫކުރާ މާލީ އެހީ ކަނޑައެޅިފައިވާ ތާރީޚަށް ލިބެމުން ނުދާކަން ސިޓީގައި ފާހަގަކޮށްފައިވެއެވެ. ކުޑޫ ވިދާޅުވި ގޮތުގައި، މި އިނާޔަތަކީ ޚާއްސަ އެހީއަށް ބޭނުންވާ ގިނަ ބައެއްގެ ބޭސްފަރުވާއާއި ޒަރޫރީ ބޭނުންތައް ފުއްދުމަށް ބަރޯސާވާ ހަމައެކަނި މާލީ ވަސީލަތް ކަމަށްވުމުން، ފައިސާ ލަސްވުމުގެ ސަބަބުން އެ ފަރާތްތަކަށާއި އާއިލާތަކަށް މާލީ އަދި ނަފްސާނީ ގޮތުން ބޮޑެތި ދަތިތަކަކާ ކުރިމަތިވަމުންދެއެވެ.
އެހެންކަމުން، އެ މައްސަލަ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް ހުށަހަޅައިގެން އެންސްޕާ އާއި ސަރުކާރު ޖަވާބުދާރީ ކުރުވުމަށާއި، ކޮންމެ މަހަކުވެސް ކަނޑައެޅޭ ވަކި ސުންގަޑިއަކަށް ފައިސާ ބަރާބަރަށް ޖަމާކޮށްދޭނެ އިތުބާރު ހުރި ނިޒާމެއް ސަރުކާރުން ކަށަވަރުކުރުމަށް މަޖިލީހުން ބާރުއަޅައިދިނުމަށް ކުޑޫ ވަނީ އެދިވަޑައިގެންފައެވެ.




