ދިވެހި ފުލުހުންގެ ޚިދުމަތުގެ މިޑްލް މެނޭޖްމަންޓް އޮފިސަރުންގެ ހުނަރާއި ގާބިލުކަން އިތުރުކުރުމަށްޓަކައި "ޕްރޮފެޝަނަލް ޑިވެލޮޕްމަންޓް ސީރީޒް" ގެ ނަމުގައި ޚާއްސަ ތަމްރީނު ޕްރޮގްރާމެއް ވަނީ ފަށާފައެވެ.
މި ޖޫން މަހުގެ 18 ވަނަ ދުވަހު ފެށި މި ޕްރޮގްރާމުގެ މައިގަނޑު މަގުސަދަކީ އޮފިސަރުންގެ ލީޑަރޝިޕް ހުނަރާއި، އިދާރީ ހިންގުމުގެ އިތުރުން، މުހިންމު ނިންމުންތައް ނިންމުމުގެ ގާބިލުކަން ތަރައްގީކޮށް ނަފުސާނީ ދުޅަހެޔޮކަން ވަރުގަދަކުރުން ކަމަށް ފުލުހުންގެ ޚިދުމަތުން ހާމަކުރެއެވެ.
މަހަކު އެއް ސެޝަން ނުވަތަ ދެ ސެޝަން ހިމެނޭ ގޮތަށް ތަރުތީބުކުރެވިގެން ކުރިއަށްގެންދާ މި ތަމްރީނުތަކުގައި، ސްޓްރެޓީޖިކް ލީޑަރޝިޕާއި، އަހުލާގީ މިންގަނޑުތަކުގެ އިތުރުން ޓެކްނޮލޮޖީ ފަދަ މުހިންމު ދާއިރާތަކުން ފުލުހުންނަށް ބޭނުންވާ މަޢުލޫމާތާއި ތަމްރީނު އެކި މާހިރުންގެ އެހީތެރިކަމާއެކު ފޯރުކޮށްދެވޭނެއެވެ.




