ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ހުރި ޖަލުތައް އެއްފުރާޅެއްގެ ދަށަށް ބަދަލުކުރުމަށްޓަކައި ސަރުކާރުން ކުރިއަށްގެންދާ "ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް" ބިނާކުރުމުގެ އަމަލީ މަސައްކަތް މި ހިނގާ ޖޫން މަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވަމުންދާކަން ދާޚިލީ ސަލާމަތާއި މަސައްކަތްތެރިކަމާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙުސާން އިޢުލާނު ކުރައްވައިފިއެވެ. ވަޒީރު މިކަން ހާމަކުރެއްވީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ އައިކޯސްޓުން ހިންގި އެކި ކޯސްތައް ފުރިހަމަކުރި ގައިދީންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތުގައެވެ.
އުތުރު ތިލަފަޅުން 30 ހެކްޓަރުގެ ބިން ހިއްކައިގެން ހިންގާ މި ބިޔަ މަޝްރޫއާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ، މިހާރު ހުރި ޖަލުތަކަކީ ކުށްވެރިން އިސްލާހުކޮށް އަލުން މުޖުތަމައަށް ނެރުމަށް އެންމެ އެދެވޭ ގޮތަށް ފަރުމާކުރެވިފައިވާ ތަންތަނެއް ނޫން ކަމަށެވެ. އެހެންކަމުން، ރިހެބިލިޓޭޝަން ޕްރޮގްރާމްތައް އެންމެ ފުރިހަމައަށް ހިންގޭނެ ފަދަ ނިޒާމެއްގެ ދަށުން މި އައު ކޮމްޕްލެކްސް ތަރައްގީކުރުމަކީ ސަރުކާރުގެ މުހިންމު ސިޔާސަތެކެވެ. ދައުލަތުގެ އެހެން މުއައްސަސާތަކާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކުގެ ސަބަބުން މި މަޝްރޫޢު ފެށުން ކުޑަކޮށް ލަސްވި ނަމަވެސް، މިހާރު ހުރިހާ ކަމެއް ތަރުތީބުވެފައިވާ ކަމަށާއި ކުރިއަށް އޮތް ދެ އަހަރެއްހާ ދުވަހުގެ ތެރޭގައި މިހާރު ހުރި ބައެއް ޖަލުތައް އައު އިމާރާތަށް ބަދަލުކުރަން ފެށޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި މަޝްރޫއުގެ ދަށުން ގާއިމުކުރާ ފެސިލިޓީގައި ރެޒިޑެންޝަލް ޔުނިޓްތަކުގެ އިތުރުން، ޑްރަގް ރިހެބިލިޓޭޝަން ފެސިލިޓީއަކާއި، ހާފްވޭ ހައުސްއާއި، ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކުގެ އިތުރުން މެޑިކަލް ފެސިލިޓީއަކާއި 1،000 މީހުންގެ ޖާގައިގެ މިސްކިތެއް ހިމެނެއެވެ. މީގެ އިތުރުން، ކުށްކުރާ ކުޑަކުދިން އިސްލާހުކުރުމަށް "ހޯޕް އައިލެންޑް" ވެސް މި ސަރަޙައްދުގައި ތަރައްގީކުރެވޭނެއެވެ.
ޖަލުތަކުގެ ނިޒާމަށް ގެންނަ އިސްލާހީ ބަދަލުތަކާ ގުޅޭގޮތުން ވަޒީރު އިތުރަށް ވިދާޅުވީ، ޖަލު ހުކުމް ތަންފީޒުކުރާ ފަރާތްތަކުން ރިހެބިލިޓޭޝަން ޕްރޮގްރާމްތަކުގައި ބައިވެރިވާ ކޮންމެ ދުވަހަކަށް، އެ މީހެއްގެ ހުކުމުން ދުވަހެއް އުނިވާ ގޮތަށް ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. މި އިސްލާހު ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުން ފާސްވެ، އަމަލީ ގޮތުން ތަންފީޒުވާން ފަށާނެ ކަމަށާއި، މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ ކުށްވެރިން އިސްލާހުކޮށް މުޖުތަމައަށް ބޭނުންތެރި ބަޔަކަށް ހަދައިދޭ ނަމޫނާ މުއައްސަސާއަކަށް ޖަލުތައް ބަދަލުކުރުން ކަމަށް ވަޒީރު ހާމަކުރެއްވިއެވެ.




