ވިލިމާލޭގައި މާލެ ޓެކްސީ ލައިން ގެ ޚިދުމަތް ފެށުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް އެމްޓީސީސީގެ އިސްވެރިންނާއި ވިލިމާލެ ދާއިރާގެ މަޖިލިސް މެންބަރު މުޙައްމަދު އިސްމާޢީލް ބައްލަވާލައްވައިފިއެވެ. މި މަސައްކަތްތައް ބައްލަވާލެއްވުމުގައި އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ ރިޓަޔަރޑް އަޙްމަދު ސައުދީގެ އިތުރުން އެ ކުންފުނީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ޚިދުމަތަކީ ވިލިމާލޭގެ ދަތުރުފަތުރުގެ ނިޒާމު އިތުރަށް ތަރައްގީކޮށް، ރައްޔިތުންނަށް ފަސޭހަ ދަތުރުފަތުރެއް ފޯރުކޮށްދިނުމަށް ފަށާ މަޝްރޫއެކެވެ.
މާލެ ސަރަހައްދަށް ދިމާވެފައިވާ ޓެކްސީގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތިން ފެށި މި ޚިދުމަތް ރަސްމީކޮށް އިފްތިތާޙުކުރީ މިދިޔަ އެޕްރީލް މަހުގެ 2 ވަނަ ދުވަހުއެވެ. އެމްޓީސީސީން ހާމަކުރި ގޮތުގައި، މި ޚިދުމަތް ފެށި ފުރަތަމަ މަހުގެ ތެރޭގައި އެކަނިވެސް 13،000 އަށްވުރެ ގިނަ ދަތުރު ވަނީ ކޮށްފައެވެ.
މި ޚިދުމަތަށް ޚާއްސަކޮށްގެން ތިމާވެއްޓާ ރައްޓެހި 150 އުޅަނދު ރާއްޖެ ގެނެސްފައިވާއިރު، މީގެ ތެރޭގައި ތިން ސައިޒެއްގެ ކާރު ހިމެނެއެވެ. މިއީ ތިމާވެއްޓާ ރައްޓެހި އީކޯ-ފްރެންޑްލީ އުޅަނދުތަކަކަށް ވުމުން، ވިލިމާލޭގެ ތިމާވެށި ހިމާޔަތްކުރެވޭނެ ފަދަ ގޮތަކަށް ރައްޔިތުންނަށް ދަތުރުފަތުރުގެ ބޮޑު ލުޔެއް ލިބިގެންދާނެއެވެ.




