ދިރާގު ފިންޓެކްއިން ދިރާގުޕޭގެ ކަސްޓަމަރުންނަށް ހާއްސަކޮށްގެން، އެންމެ ރުފިޔާއަކަށް ޕިއްޒާ ބޯނާއިން ޕިއްޒާ ލިބޭ ރަން ފުރުސަތެއް ފަހިކޮށްދީފިއެވެ. ފުޓުބޯޅަ މޫސުމުގެ ފޯރިއާ ގުޅުވައިގެން ކުރިއަށްގެންދާ މި ހާއްސަ ޕްރޮމޯޝަންގެ ދަށުން ޕިއްޒާ ލިބޭނީ ޕިއްޒާ ބޯނާގެ މާފަންނު އައުޓްލެޓުންނާއި ހުޅުމާލޭ ފޭސް އެކެއްގެ އައުޓްލެޓުންނެވެ. މި މަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 10:00 އިން ފެށިގެން ކުރިއަށްދާ މި ހަރަކާތަކީ ހަމައެކަނި ޓޭކް-އަވޭ ހިދުމަތަށް ހާއްސަކޮށްފައިވާ ޕްރޮމޯޝަނެކެވެ. މިގޮތުން ކޮންމެ އައުޓްލެޓަކުން ވެސް އޯޑަރުކުރާ ފުރަތަމަ 500 ކަސްޓަމަރުންނަށް މި ހެޔޮ އަގުގައި ޕިއްޒާ ލިބޭނެއެވެ. ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންގެ އިތުރުން، އަލަށް އެޕްލިކޭޝަން ޑައުންލޯޑްކޮށް ރަޖިސްޓްރީވާ ފަރާތްތަކަށް ވެސް މި ފުރުސަތުގައި ބައިވެރިވެވޭނެއެވެ.
ދިރާގުން މައުލޫމާތު ދޭ ގޮތުގައި، މިއީ ފުޓްބޯޅައިގެ ފޯރިގަދަ ދުވަސްވަރު އާއިލާ އާއި ރައްޓެހިންނާއެކު އުފާވެރި ވަގުތުތަކެއް ހޭދަކުރުމުގެ ފުރުސަތު ދިނުމަށާއި، ކަސްޓަމަރުންގެ އަގުވަޒަންކުރުމުގެ ގޮތުން ތައާރަފުކުރި ޕްރޮމޯޝަނެކެވެ. މީގެ އިތުރުން، މިއީ ރާއްޖޭގައި ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ފައިސާގެ މުއާމަލާތްތައް ކުރުމަށް ޝައުގުވެރިކަން އިތުރުކުރުމުގެ މަގުސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ. މީގެ ކުރިން ވެސް ވިޔަފާރި ބައިވެރިންނާ ގުޅިގެން ހިންގި "އެއް ރުފިޔާ" ގެ ޕްރޮމޯޝަންތަކަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިފައިވާއިރު، ދިރާގުޕޭގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި މާޗަންޓުންނާ ގުޅިގެން ކަސްޓަމަރުންނަށް ލުއިފަސޭހަ އަދި ފައިދާހުރި ފިންޓެކް ސޮލިއުޝަންތަކާއި ތަފާތު އޮފާތައް މެދުނުކެނޑި ފޯރުކޮށްދިނުމެވެ.




