ނައިބު ރައީސް އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ޖަރުމަނުވިލާތުގެ ބަރލިންއަށް ރޭ ފުރާވަޑައިގެންފިއެވެ.
ނައިބު ރައީސް ޖަރުމަނުވިލާތަށް ވަޑައިގަންނަވަނީ މި މަހުގެ 15 އިން 21 އަށް ބަރލިންގައި ކުރިއަށްދާ ބަރލިން ކްލައިމެޓް މޮބިލިޓީ ފޯރަމް 2026 ގައި ބައިވެރިވެވަޑައިގަތުމަށްޓަކައެވެ.
މިއަހަރުގެ ފޯރަމްގައި މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ހިޖުރަކުރުމުގެ މައްސަލަތަކާއި އެކަންކަމަށް ހޭނުމުގެ އިސްތިރާޖީތަކާ ބެހޭގޮތުން ދުނިޔޭގެ ލީޑަރުން މަޝްވަރާކުރައްވާނެއެވެ. އަދި މި ފޯރަމްގައި "ގްލޯބަލް ކްލައިމެޓް މޮބިލިޓީ ޕްރިންސިޕަލްސް" ރަސްމީކޮށް ފާސްކުރުމާއި، އަމަލީ މަގުޗާޓެއް އެކުލަވާލުން އޮންނާނެއެވެ.
ރައީސް އޮފީހުން ހާމަކުރި ގޮތުގައި މި ދަތުރުފުޅުގައި ނައިބު ރައީސް، "ކްލައިމެޓް މޮބިލިޓީ ޕްރިންސިޕަލްސް" ގެ މަތީ ފަންތީގެ ބައްދަލުވުމުގައި ވާހަކަފުޅު ދެއްކެވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކަނޑުގެ ލޮނގަނޑު އުފުލުމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކުގެ ތެރޭގައި ހައްގުތައް ހިމާޔަތްކުރުމާ ބެހޭގޮތުން ބާއްވާ މަތީ ފަންތީގެ ޕެނަލް ޑިސްކަޝަނެއްގައިވެސް އެމަނިކުފާނު ބައިވެރިވެވަޑައިގަންނަވާނެއެވެ.




