ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތަކުގެ ތެރެއިން ޓަވަރު 13، 14 އަދި 15 ގައި އަލަށް ހަރުކުރި ލިފްޓުތަކުގެ މަސައްކަތް ނިންމައި، އާންމުންނަށް ބޭނުންކުރެވޭ ގޮތަށް މިއަދު ހުޅުވާލައިފިއެވެ.
މިއާއެކު، ހިޔާގެ 16 ޓަވަރުގެ ތެރެއިން ޓަވަރު 16 ފިޔަވައި ހުރިހާ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކުރުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިމިފައެވެ. އަލަށް ހަރުކުރި މި ލިފްޓުތަކަކީ ބަލިމީހުން އުފުލާ ސްޓްރެޗާ ފަސޭހަކަމާއެކު އެރުވޭނެހާ ޖާގަ ތަނަވަސް، އެއްފަހަރާ 21 މީހުންގެ ޖާގައިގެ ބޮޑު ލިފްޓުތަކެކެވެ.
ހިޔާގެ 25 ފަނގިފިލާގެ 16 ޓަވަރު އެންމެ ފުރަތަމަ އިމާރާތްކުރިއިރު ހަރުކޮށްފައި ހުރީ ސްޓްރެޗާ އެރުވޭ ފަދަ ލިފްޓުތަކެއް ނޫނެވެ. އަދި ލިފްޓުގެ އަދަދު މަދުވުމުގެ ސަބަބުން ކޮންމެ ދުވަހަކު ސުންގަޑިތަކަށް އަރައިފޭބުމުގައި އާންމުންނަށް ބޮޑެތި ތަކުލީފުތަކެއް އުފުލަންޖެހުމުން، އެކަމުގެ ކަންބޮޑުވުން ރައްޔިތުން ދިޔައީ ފާޅުކުރަމުންނެވެ. އެހެންކަމުން، ކޮންމެ ޓަވަރެއްގައި އިތުރު ދެ ލިފްޓު ހަރުކޮށްދިނުމަކީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ.
މި މަޝްރޫއު ކުރިއަށްގެންދަނީ ޗައިނާގެ ޝެންޔެންގް ޔުއަންޑާ އިންޓެލެކްޗުއަލް އިންޑަސްޓްރީ ގްރޫޕް ކޯ ލިމިޓެޑާ ހަވާލުކޮށްގެންނެވެ. އެޗްޑީސީން ހާމަކުރި ގޮތުގައި، މިހާރު ބާކީ ހުރި ހަމައެކަނި ޓަވަރު ކަމަށްވާ 16 ވަނަ ޓަވަރުގެ ލިފްޓުތަކުގެ މަސައްކަތް ވެސް ވީހާވެސް އަވަހަކަށް ނިންމައި، އާންމުންނަށް ހުޅުވާލުމަކީ އެ ކުންފުނީގެ އެންމެ ބޮޑު އަމާޒެވެ.




