ފެހުރިއްސާއި މަޑީގެ ދިރުންތަކުން މުއްސަނދިވެފައިވާ، އދ. އަތޮޅުގެ ހިމާޔަތްކޮށްފައިވާ ކަނޑުގެ ސަރަހައްދު (ސަމްޕާ) މޮނިޓާކޮށް ބެލެހެއްޓުމުގެ މަސައްކަތުގައި އެންވަޔަރަންމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) ގެ ރޭންޖަރުންނާއެކު ފުލުހުން ވެސް އަމަލީގޮތުން ބައިވެރިވާން ފަށައިފިއެވެ.
ތިމާވެއްޓާ ބެހޭ މިނިސްޓްރީން ހާމަކުރި ގޮތުގައި، ފުލުހުންގެ ބައިވެރިވުމާއެކު އެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރުކުރުމަށާއި ކަނޑުގެ ދިރުންތައް ހިމާޔަތްކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ވަރުގަދަވެގެންދާނެއެވެ. އެހެންކަމުން، އެ ސަރަހައްދު ބޭނުންކުރާ ހުރިހާ ފަރާތްތަކުން ވެސް އީއާރުއޭ އިން އެކުލަވާލާފައިވާ މެނޭޖްމަންޓް ޕްލޭނާ އެއްގޮތަށް އަމަލުކުރުމަށް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ.
އެ ސަރަހައްދު ބޭނުންކުރުމުގައި ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަންތައްތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، އެތަނަށް ވަންނަ އުޅަނދުތަކަކީ ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކަކަށް ވާންޖެހޭނެއެވެ. އަދި އުޅަނދުގައި ރަޖިސްޓްރީކޮށްފައިވާ ގައިޑެއް ހުރުމާއި، ސަރަހައްދަށް ވަނުމުގެ ކުރިން ރޭންޖަރުންނަށް އެންގުމާއި، އެތަނުގައި ހަރަކާތްތެރިވާ ވަގުތު "ލައިވް ލޮކޭޝަން" ހިއްސާކުރުމުގެ އިތުރުން އުޅަނދުތަކުގައި ދިދަ ބޭނުންކުރަންޖެހެއެވެ. މީގެއިތުރުން، މި މަހުގެ 30 ވަނަ ދުވަހުގެ ކުރިން ހުރިހާ އުޅަނދުތަކެއްގެ ބުރަފަތީގައި ރައްކާތެރިކަމުގެ ކަވަރު ނުވަތަ "ޕްރޮޕެލާ ގާޑްސް" ހަރުކުރުމަށް ވެސް ވަނީ އަންގާފައެވެ.
މީގެ 17 އަހަރު ކުރިން، 2009 ވަނަ އަހަރު ހިމާޔަތްކުރި ސަމްޕާ ސަރަހައްދަކީ އދ. ރަންގަލި ފަރުގެ ހުޅަނގު އުތުރުން ފެށިގެން އެ އަތޮޅު ދިގުރަށުގެ އުތުރު ކަނާ ދެމެދު، ރަށްރަށުގެ ފަރުގެ ބޭރު ތޮށިން ފެށިގެން އެއް ކިލޯމީޓަރުގެ ސަރަހައްދެކެވެ. މިއީ ރާއްޖޭގައި އެންމެ ގިނައިން ފެހުރިހި އުޅޭ ސަރަހައްދަށް ވުމުން، ކޮންމެ ދުވަހަކު ވެސް ސަތޭކައެއްހާ ފަތުރުވެރިން ގޮވައިގެން ގިނަ އަދަދެއްގެ އުޅަނދުތައް އެ ސަރަހައްދަށް ޒިޔާރަތްކުރެއެވެ.
ނަމަވެސް، އެ ސަރަހައްދުގައި ނުރައްކާތެރި އެތައް އެކްސިޑެންޓުތަކެއް ހިނގާފައިވާކަން ފާހަގަކޮށްލެވެއެވެ. އެގޮތުން މިދިޔަ އަހަރު ހިނގި ހާދިސާއެއްގައި މީހެއްގެ ގައިމަތިން ލޯންޗެއް ގޮސް މީހަކު މަރުވެފައިވެއެވެ. އުޅަނދުތަކުގެ ބުރަފަތީގައި ޕްރޮޕެލާ ގާޑު އެޅުވުން މަޖުބޫރުކުރީ ވެސް އެ އެކްސިޑެންޓަށްފަހު، ރައްކާތެރިކަން އިތުރުކުރުމުގެ ގޮތުންނެވެ.




