ހދ. ފިނޭގައި އަލަށް ތަރައްޤީކުރި ޕޮލިސް ސްޓޭޝަން މިއަދު ރަސްމީކޮށް ހުޅުވައިފިއެވެ.
ފިނޭގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މި ސްޓޭޝަން ހުޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދާއި، އެމްޓީސީ ގެ ޑެޕިޔުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޖަމްޝީދެވެ. މި ރަސްމިއްޔާތުގައި އެމްޓީސީސީގެ ޗީފް އޮޕަރޭޓިންގ އޮފިސަރު ސިނާން ޢަލީގެ އިތުރުން ފިނޭ ކައުންސިލްގެ ރައީސް ޢަބްދުލް ލަތީފް ޢަލީ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މިއީ އެމްޓީސީސީއާ ހަވާލުކޮށްގެން 2.20 މިލިޔަން ރުފިޔާ ހޭދަކޮށްގެން ހިންގި މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން އިމާރާތުގެ ކޮންކްރީޓް މަސައްކަތްތަކާއި، ފުރާޅާއި ސީލިންގ ހަރުކުރުމާއި، ކަރަންޓު ވަޔަރިންގެ އިތުރުން ދަވާދުލުމާއި، ސެނިޓަރީ މަސައްކަތްތަކާއި، ދޮރުތައް ހަރުކުރުމާއި ވަށާފާރު ރޭނުމުގެ މަސައްކަތް ވަނީ ފުރިހަމަކޮށްފައެވެ.
އެމްޓީސީސީން ހާމަކުރި ގޮތުގައި، 623 މީހުންގެ އާބާދީއެއް އޮންނަ ފިނޭގައި މިފަދަ ސްޓޭޝަނެއް ގާއިމުވުމަކީ ރަށުގެ އަމާންވެށި ކަށަވަރުކުރުމަށް ލިބުނު ބޮޑު ކުރިއެރުމެކެވެ. އަދި މީގެ ސަބަބުން ރައްޔިތުންނަށް އިޖުތިމާއީ ގޮތުން ގިނަގުނަ މަންފާތަކާއި ފަސޭހަތަކެއް ލިބިގެންދާނެއެވެ.
ވޭތުވެދިޔަ 45 އަހަރުގެ ތެރޭގައި އެމްޓީސީސީން ވަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭނުންތެރި ގިނަ އުމްރާނީ ތަރައްގީގެ މަޝްރޫއުތަކެއް ކާމިޔާބުކަމާއެކު ނިންމާފައެވެ.




