ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އަދި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، ހުޅުމާލޭގެ "އޮރެންޖް ހިޔާ" ގައި ހުންނަ ތެލެސީމިއާ އެންޑް އަދަރ ހީމޯގްލޯބިނޯޕަތީސް ސެންޓަރަށް މިއަދު މެންދުރުފަހު ޒިޔާރަތް ކުރައްވައިފިއެވެ.
މޯލްޑިވިއަން ބްލަޑް ސާވިސަސް އާ ގުޅިގެން ހިންގަމުންދާ މި ސެންޓަރަށް ކުރެއްވި ޒިޔާރަތުގައި، ރައީސްގެ ދެމަފިރިން ވަނީ ބަލިމީހުން ބައިތިއްބާ ވޯޑުތަކާއި، ލޭ ހަދިޔާކުރާ ބަޔާއި، ލެބޯޓްރީގެ އިތުރުން ތެލެސީމިއާ ޕޭޝަންޓް ކެއާ ސެންޓަރު ބައްލަވާލައްވާފައެވެ. އަދި އެ ސެންޓަރުން ފޯރުކޮށްދޭ ހިދުމަތްތަކާ ބެހޭ އެންމެ ފަހުގެ މައުލޫމާތު އެމަނިކުފާނު އޮޅުންފިލުއްވިއެވެ.
ވެރިކަމާ ހަވާލުވެވަޑައިގަތް ފަހުން، ރައީސް ޑރ. މުއިއްޒުގެ ސަރުކާރުން ވަނީ ތެލެސީމިއާ ކުދިންނަށް ބޭނުންވާ ސިއްހީ ހިދުމަތްތަކާއި، މާލީ އެހީތެރިކަމާއި، އެކަމަށް ބޭނުންވާ ވަސީލަތްތައް ވަރުގަދަކުރުމަށް ހާއްސަ އިސްކަމެއް ދެއްވާފައެވެ. އެގޮތުން، ތެލެސީމިއާ ކުދިންނާއި އެކުދިންގެ އާއިލާތަކަށް ބޭނުންވާ ފުރިހަމަ ސިއްހީ ފަރުވާއާއި އިޖުތިމާއީ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަކީ ސަރުކާރުގެ ޒިންމާއެއްކަން ރައީސް އަބަދުވެސް ފާހަގަކުރައްވައެވެ.
ރައީސްގެ ދެމަފިރިން އެ ސެންޓަރަށް ވަޑައިގަތުމުން މަރުހަބާ ދެންނެވީ މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއާ ޖީލާ އަލީ އާއި، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު އިބްރާހީމް އަބްދުއްރައްޒާގް ހަލީމްއެވެ. މި ޒިޔާރަތުގައި ސަރުކާރުގެ ޗީފް ސްޕޯކްސްޕާސަން މުހައްމަދު ހުސައިން ޝަރީފް ވެސް ބައިވެރިވެވަޑައިގަތެވެ.




