ސޯޝަލް މީޑިއާގެ ވަސީލަތްތައް ބޭނުންކޮށްގެން އޮޅުވާލުމާއި މަކަރާއި ހީލަތުން ފައިސާ ހޯދާ ސްކޭމްތައް ހިންގަމުންދާ މައްސަލައަކާ ގުޅިގެން، ރައްޔިތުން ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފިއެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން ހާމަކޮށްފައިވާ ގޮތުގައި، "އިނާ" ނަމަކަށް ކިޔާ ޓިކްޓޮކް އެކައުންޓަކުން މަކަރާއި ހީލަތުގެ އަމަލުތައް ހިންގަމުންދާ ކަމުގެ ރިޕޯޓުތައް ވަނީ ލިބިފައެވެ. މި އެކައުންޓުގައި ތެލުލި ބަނބުކެޔޮ ވިއްކުމާއި، ދުވަހު ކުއްޔަށް ކޮޓަރި ދޫކުރުން ފަދަ ތަފާތު ގިނަ ވިޔަފާރިތަކެއްގެ އިސްތިހާރުތައް ޖަހައިގެން މީހުންނަށް އޮޅުވާލަމުންދާކަން ފާހަގަކުރެވިފައިވެއެވެ. މި މައްސަލައިގައި ސްކޭމް ހިންގާ ފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން މިހާރު ދަނީ ކުރަމުންނެވެ. އަދި ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ފޭކް އެކައުންޓްތައް ހަދައިގެން މިފަދަ ޖިނާއީ ކުށްތަކަށް އަރައިގަންނަ ފަރާތްތައް ހޯދައި، އެފަރާތްތަކާމެދު ގާނޫނީ ގޮތުން އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފައެވެ.
ރާއްޖޭގައި ހިންގާ މާލީ ސްކޭމްތަކާއި އިންޓަނެޓް މެދުވެރިކޮށް ހިންގާ އެހެނިހެން ހީލަތްތެރި އަމަލުތަކާ ދެކޮޅަށް ކުރާ މަސައްކަތްތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި ދިވެހި ފުލުހުންގެ ޚިދުމަތާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ ގުޅިގެން ދާދިފަހުން ވަނީ ސިންގަޕޫރު ފުލުހުންނާ އެކު ބައްދަލުވުމެއް ބާއްވައި، މައުލޫމާތާއި ތަޖުރިބާ ބަދަލުކޮށްފައެވެ. ސްކޭމްތައް ހުއްޓުވުމަށާއި، އޭގެ ސަބަބުން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ އިތުރުން ގެއްލޭ ފައިސާ އަނބުރާ ހޯދުމަށް ރާއްޖޭގެ ގިނަ މުއައްސަސާތަކެއް ގުޅިގެން ހިންގުނު މިފަދަ ބޮޑު ފުރަތަމަ ހަރަކާތް ކަމަށް ފުލުހުން ކުރިން ވިދާޅުވެފައިވެއެވެ.




