ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް މިއަދު ބޭއްވި ބައި-އިލެކްޝަން ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ކެންޑިޑޭޓް ސުހާ އިބްރާހީމް ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ސުހާއާ ވާދަކުރެއްވީ އެމްޑީއޭގެ ކެންޑިޑޭޓް މުހައްމަދު ޝާހިދެވެ. އިންތިހާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން ކުރީގައި އުޅެނީ ޕީއެންސީގެ ކެންޑިޑޭޓް ސުހާއެވެ.
ޖުމްލަ 1،049 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިގެންވީ މި އިންތިޚާބުގައި ވޯޓުލާފައިވަނީ 985 މީހުންނެވެ. ކަށަވަރުވެފައިވާ ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި ސުހާ ވަނީ ބެހެއްޓި ތިން ވޯޓު ފޮށިންވެސް ކުރި ހޯއްދަވައި، ޖުމްލަ 529 ވޯޓު ހާސިލްކުރައްވާފައެވެ. އަދި އޭނާއާ ވާދަކުރެއްވި ޝާހިދަށް ލިބުނީ 449 ވޯޓެވެ. ބާތިލް ހަތް ވޯޓު ހިމެނޭ މި އިންތިޚާބު ސުހާ ކާމިޔާބުކުރެއްވީ 80 ވޯޓުގެ ސާފު އަޣުލަބިއްޔަތަކުންނެވެ. މި ކާމިޔާބީއާއެކު ދ. މީދޫ ކައުންސިލްގެ ފުރިހަމަ މެޖޯރިޓީ މިވަނީ ޕީއެންސީއަށް ލިބިފައެވެ.
މިއަދު މި ބައި-އިލެކްޝަން ބާއްވަން ޖެހުނީ މިއަހަރުގެ އޭޕްރީލް މަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބުގެ ނަތީޖާއާ ގުޅިގެން ހައިކޯޓުން ކުރި ހުކުމަކާ ގުޅިގެންނެވެ. އެ ފަހަރުގެ ވަގުތީ ނަތީޖާ ދެއްކި ގޮތުން ސުހާއަށް 393 ވޯޓު އަދި ޝާހިދަށް 392 ވޯޓު ލިބުނެވެ. ނަމަވެސް، އެމްޑީއޭއިން ހުށަހެޅި މައްސަލައަކާ ގުޅިގެން އިލެކްޝަންސް ކޮމިޝަންއިން ވޯޓު އަލުން ގުނިއިރު ސުހާގެ ދެ ވޯޓެއް ބާތިލް ކަމަށް ނިންމުމުން، ދެ ކެންޑިޑޭޓުންގެ ވޯޓު އެއްވަރުވިއެވެ. އެއާއެކު ސުހާގެ ފަރާތުން އެ މައްސަލަ ހައިކޯޓަށް ހުށަހެޅިއެވެ.
ހައިކޯޓުން މައްސަލަ ބެލުމަށްފަހު ނިންމީ، ބާތިލުކުރި ދެ ވޯޓުގެ ތެރެއިން އެއް ވޯޓަކީ ސައްހަ ވޯޓެއް ކަމަށެވެ. އެ ވޯޓުގެ ފާހަގަ މަތިން އިތުރަށް ފަވާފައި ހުރި ނަމަވެސް، އެއީ ކާކަށް ދީފައިވާ ވޯޓެއްކަން ސާފުކޮށް އެނގެން އޮތުމުން ކޯޓުން އެއީ ސައްހަ ވޯޓެއްގެ ގޮތުގައި ކަނޑައެޅިއެވެ. މި ހުކުމާ އެކު ދެ ކެންޑިޑޭޓުންނަށް ލިބުނު ވޯޓުގެ އަދަދު 392 އިން އެއްވަރުވުމުން، މިއަދު އަލުން ބައި-އިލެކްޝަނެއް ބާއްވަން ޖެހުނީއެވެ.




