ޕިލިޕީންސް އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވި އައު ސަފީރު ނީނާ ޕަޑީޔަ ކައިންގލެޓް، މިނިސްޓަރ އޮފް ހެލްތު އެންޑް ފެމިލީ ވެލްފެއާ ގީލާ އަލީގެ އަރިހަށް މިއަދު އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތްގުޅުން އިތުރަށް ބަދަހިކުރުމަށާއި، މި ދާއިރާ ތަރައްގީކުރުމަށް މިހާރުވެފައިވާ އެއްބަސްވުންތައް އަލުން މުރާޖާކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ. އަދި ޑިޖިޓަލް ހެލްތާއި، މިދާއިރާއަށް ބޭނުންވާ ފަންނީ މީހުން ޕިލިޕީންސުން ހޯދުމާއި މުވައްޒަފުންގެ ޤާބިލުކަން އިތުރުކުރުމަށް ތަމްރީނާއި ތަޢުލީމީ ފުރުޞަތު ހޯދުމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.
މީގެ އިތުރުން އިޖުތިމާޢީ ރައްކާތެރިކަމުގެ ދާއިރާގައި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާއި، ކުޑަކުދިންގެ ރައްކާތެރިކަން ހިމެނޭހެން އިސްކަންދޭ ދާއިރާތަކަށް ޚާއްސަކޮށް އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުން ވެސް މަޝްވަރާކުރެވުނެވެ.




