ފަސް މިލިއަން ގަސް އިންދުމުގެ ޤައުމީ މަޝްރުޢޫގެ ދަށުން، ހއ. ދިއްދޫގައި ގަސް އިންދުމުގެ ބޮޑު ހަރަކާތެއް ބޭއްވުމަށްޓަކައި އެ ރަށުގެ "ކުރިމަގު" ޖަމިއްޔާއާއެކު އެންވަރަޔަންމަންޓް މިނިސްޓްރީން މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.
އެ މިނިސްޓްރީން ބުނީ މިއީ ދިއްދޫގެ ތިމާވެށި ރައްކާތެރިކުރުމަށާއި، ރަށުގެ ފެހިކަން އިތުރުކުރުމަށް ސަރުކާރުން ފަށާފައިވާ މި ބިޔަ މަޝްރުޢޫގެ ދަށުން އެ ރަށުގައި ކުރިއަށްގެންދާނެ ހަރަކާތްތައް ރޭވުމަށް ބޭއްވުނު ބައްދަލުވުމެއް ކަމަށާއި، މި ބައްދަލުވުމުގައި 5 މިލިއަން ގަސް އިންދުމުގެ މަޝްރުޢޫގެ އިސް ބޭފުޅުންނާއި، ކުރިމަގު ޖަމިއްޔާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.
އަދި މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ދިއްދޫގައި ގަސް އިންދުމުގެ ހަރަކާތްތައް ރާވައި ހިންގުމުގައި އެ ރަށުގެ މަދަނީ ޖަމިއްޔާތަކުގެ އެއްބާރުލުން ހޯދުމާއި، ރަށުގެ މުޖުތަމަޢު މި މަސައްކަތުގައި ބައިވެރިކުރުން ކަމަށާއި، މިގޮތުން ދިއްދޫގެ އެކި ސަރަޙައްދުތަކުގައި ގަސް އިންދާނެ ގޮތްތަކާއި، އިންދާނެ ގަހުގެ ބާވަތްތަކާ ގުޅޭގޮތުން ދެފަރާތުގެ މެދުގައި ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވުނު ކަމަށްވެސް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެއެވެ.
ދިއްދޫ ކުރިމަގު ޖަމިއްޔާއަކީ އެ ރަށުގެ އިޖުތިމާޢީ ކަންކަމުގައާއި ތިމާވެށީގެ ކަންކަމުގައި ހަރަކާތްތެރިވާ ފާހަގަކޮށްލެވޭ ޖަމިއްޔާއެކެވެ. މިއަދުގެ ބައްދަލުވުމަށްފަހު، ދިއްދޫގައި ގަސް އިންދުމުގެ ބޮޑު ހަރަކާތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެއެވެ.




