ޓްރިއޮންޑާ މި ނަމަކީ ސްޕެނިޝް ބަހުން "ތިން ރާޅު" މި މާނަ ދޭހަވާ ނަމެކެވެ. މިއީ މުބާރާތުގެ ތާރީޚުގައިވެސް ފުރަތަމަ ފަހަރަށް ތިން ގައުމެއް ކަމަށްވާ ކެނެޑާ، މެކްސިކޯ އަދި އެމެރިކާ ގުޅިގެން ފީފާ ވޯލްޑް ކަޕް ބާއްވާކަން ރަމްޒުކޮށްދިނުމަށެވެ.
މި ބޯޅައިގެ ފާހަގަކޮށްލެވޭ ދިރުންތަކުން ފުރިގެންވާ ފަރުމާގައި ހިމެނެނީ ރަތް، ފެހި އަދި ނޫ ކުލައެވެ. މިއީ މުބާރާތް ބާއްވާ ތިން ގައުމަށް ނިސްބަތްކޮށް ހޮވާލެވިފައިވާ ކުލަތަކެކެވެ. މީގެއިތުރުން، ބޯޅައިގެ ނަމާ ގުޅުވައިގެން ރާޅުތަކެއް ސިފަވާގޮތަށް، މުޅިން އަލަށް 4 ޕެނަލް ހިމަނައިގެން ބޯޅަ ވަނީ ފަރުމާކޮށްފައެވެ. މި ޕެނަލްތައް ގުޅޭ މެދުތެރެއިން ތިނެސްކަނެއް އުފެދޭއިރު، މިއީ ތިން ގައުމުގެ ތާރީޚީ ގުޅުން ރަމްޒުކޮށްދޭ ނިޝާނެކެވެ.
ބޯޅައިގައި ކޮންމެ ގައުމެއް ރަމްޒުކޮށްދޭ ޚާއްސަ ކުރެހުންތައްވެސް ހިމެނިފައިވެއެވެ. އެގޮތުން ކެނެޑާއަށް މޭޕަލް ފަތް ، މެކްސިކޯއަށް ބާޒެއް އަދި އެމެރިކާއަށް ތަރިއެއް ހިމަނާފައިވެއެވެ. މީގެއިތުރުން، ފީފާގެ އެންމެ ޝަރަފުވެރި މުބާރާތުގެ މުހިންމުކަން ދައްކުވައިދިނުމުގެ ގޮތުން، ވޯލްޑް ކަޕް ތައްޓަށް ނިސްބަތްކޮށް ރަންކުލައިގެ ޑިޒައިންތަކެއްވެސް ބޯޅައިގައި ވަނީ ހިމަނާފައެވެ.
ބޯޅައިގެ ފެންވަރު މަތިކުރުމުގެ ގޮތުން ޓްރިއޮންޑ ގައި ގިނަ އާ ކަންތައްތަކެއް ވަނީ ހިމަނާފައެވެ. ހަތަރު ޕެނަލް އެކުލެވޭ ގޮތަށް ހަދާފައިވާ މި ބޯޅައިގެ މެދުތެރޭގެ ރޮނގުތައް ގަސްތުގައި ފުންކޮށް ހެދުމުގެ ސަބަބުން، ބޯޅަ ވައިގެ ތެރޭގައި ދަތުރުކުރާއިރު އޭގެ މިސްރާބު އެއްވަރެއްގައި ހިފަހައްޓައިދެއެވެ. އަދި ކައިރިން ބަލާލުމުން ނޫނީ ނުފެންނަ ގޮތަށް ބޯޅައިގެ ބޭރުގަނޑުގައި ހަދާފައިވާ އެމްބޮސްޑް ކުރެހުންތަކުގެ ސަބަބުން، ވާރޭވެހި ފިނިބޮޑުވާ ހާލަތްތަކުގައިވެސް ބޯޅަ ކޮންޓްރޯލްކުރުމަށާއި ޑްރިބަލްކުރުމަށް ކުޅުންތެރިންނަށް ފަސޭހަވެގެންދާނެއެވެ.
މިފަހަރުގެ ވޯލްޑް ކަޕް މެޗު ބޯޅައިގައިވެސް ވަނީ "ކަނެކްޓަޑް ބޯލް ޓެކްނޮލޮޖީ" ހިމަނާފައެވެ. ބޯޅައިގެ އެތެރޭގައި ހަރުކޮށްފައިވާ އެންމެ ޒަމާނީ 500Hz މޯޝަން ސެންސަރު ޗިޕުގެ އެހީގައި، ބޯޅަ ހަރަކާތްކުރާ ކޮންމެ ސިކުންތެއްގެ ސައްހަ މައުލޫމާތު ވަގުތުން ވީޑިއޯ އެސިސްޓަންޓް ރެފްރީ (VAR) ސިސްޓަމަށް ލިބޭނެއެވެ. މިއީ އޮފްސައިޑް ފަދަ ނިންމުންތައް ނިންމުމުގައި މެޗުގެ އޮފިޝަލުންނަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ޓެކްނޮލޮޖީއެކެވެ.




