ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު މުހައްމަދު ޝަމްއާން ވަހީދުގެ މައްޗަށް ދައުލަތުން އުފުލި ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ދައުވާތައް ސާބިތުވާކަމަށް ކަނޑައަޅައި، އޭނާ 25 އަހަރަށް ޖަލަށްލުމަށް ކުރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފިއެވެ. ޝަމްއާންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ފޭރުމުގައި ބައިވެރިވުމުގެ ދެ ދައުވާއާއި، ރަސްމީ ހައިސިއްޔަތުންނާއި ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދެ ދައުވާގެ އިތުރުން މަނީ ލޯންޑަރިންގެ އެއް ދައުވާއެވެ. ކޯޓުން އިއްވި ހުކުމްތަކަށް ބަލާއިރު މަނީ ލޯންޑަރިންގެ ދައުވާއަށް 15 އަހަރު، ފޭރުމުގައި ބައިވެރިވުމުގެ ދައުވާއަށް 8 އަހަރު، އަދި ރަސްމީ ހައިސިއްޔަތުންނާއި ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ދައުވާއަށް 2 އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ.
މި މައްސަލައިގައި ދައުލަތުން ބުނެފައިވަނީ، 2025 ވަނަ އަހަރުގެ މާޗު މަހުގެ ތެރޭގައި ޝަމްއާންގެ އެނގުމުގެ މަތިން އިމިގްރޭޝަންގެ މުވައްޒަފުންތަކެއް ވަނީ ރިސްކް ޑިޕާޓްމެންޓަށް ނޭނގި ބިދޭސީއަކު އުޅޭ ގެއެއް ރެއިޑްކޮށް، ގިނަ އަދަދެއްގެ ފައިސާއާއެކު މައިނުއްދީން ކިޔާ ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. އަދި ސައްހަނޫން ލިޔުމެއް ހަދައި އެ ބިދޭސީމީހާ ރޭގަނޑު ދޫކޮށްލުމަށްފަހު، އޭނާގެ އަތުން 500،000 ރުފިޔާ އަތުލުމަށް ޝަމްއާން އެންގި ކަމަށް ދައުލަތުން ބުނެއެވެ. އެ ފައިސާގެ ތެރއިން ޝަމްއާން ބަލައިގަތް 400،000 ރުފިޔާގެ ތެރެއިން ބައެއް ފައިސާ ބޭނުންކޮށްގެން ދެ ސްޓޫޑެންޓް ލޯނަކަށް ފައިސާ ދައްކައި މަނީ ލޯންޑާކޮށްފައިވާކަމަށްވެސް ދައުލަތުން ތުހުމަތުކުރެއެވެ.
މި މައްސަލައިގައި ޝަމްއާން 2025 ވަނަ އަހަރުގެ މާޗު 22 ގައި ހައްޔަރުކޮށް، ޝަރީއަތް ނިމެންދެން ބަންދުކުރަން ސުޕްރީމް ކޯޓުންވެސް ތާއީދުކުރިއެވެ. ނަމަވެސް އެ އަހަރުގެ ޑިސެމްބަރު މަހު ދައުލަތުން އެދިގެން އޭނާ ވަނީ ބަންދުން ދޫކޮށްލާފައެވެ.
ޝަމްއާންގެ ދިފާއީ ވަކީލު ނޫރުއްސަލާމް ކޯޓުގައި ވިދާޅުވީ، އެ ރެއިޑަކީ އިމިގްރޭޝަންގެ މުވައްޒަފެއް ކަމަށްވާ ލައްސާން އަމިއްލައަށް އިސްނަގައިގެން ހިންގި ކަމެއް ކަމަށާއި، ޝަމްއާން އެންގީ ހަމައެކަނި މައުލޫމާތުގެ ސައްހަކަން ބެލުމަށް ކަމަށެވެ. އަދި ޝަމްއާންގެ ގެއިން ފެނުނު ޑޮލަރަކީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދާން ބަހައްޓާފައި ހުރި ފައިސާ ކަމަށާއި، ލޯނަށް ދެއްކީ ސައްހަ ގޮތުގައި ހޯދި ފައިސާ ކަމަށް ބުނެ ދައުވާތަކަށް އިންކާރުކުރިއެވެ. ވަކީލު ބުނިގޮތުގައި ލައްސާންއަކީ އަމަލީގޮތުން މިކަމުގައި އުޅުމަށްފަހު ފުލުހުންނަށް ބަޔާންދީގެން ދައުލަތުގެ ހެއްކަކަށް ވެފައިވާ މީހެކެވެ.
ނަމަވެސް، ހުށަހެޅުނު ހެކިތަކަށް ބެލުމަށްފަހު ކުރިމިނަލް ކޯޓުން މިއަދު ވަނީ ޝަމްއާންގެ މައްޗަށް ކުށް ސާބިތުވާކަމަށް ނިންމައި ހުކުމް އިއްވާފައެވެ. މި މައްސަލައިގައި ހިމެނޭ ބައެއް އެހެން މީހުންގެ މައްޗަށްވެސް މީގެކުރިން ވަނީ ކުށް ސާބިތުވެގެން ހުކުމްކޮށްފައެވެ.




