ފިލިޕީންސްގެ މިންޑަނާއޯގެ އައްސޭރިފަށަށް އިއްޔެ އައި ބިންހެލުމާ ގުޅިގެން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު، އެ ޤައުމުގެ ރައީސް، ފަރޑިނަންޑް ރޮމުލްޑޭޒް މާކޮސް ޖޫނިއަރ އަށް ތަޢުޒިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ރައީސް އޮފީހުން ހާމަކުރި ގޮތުގައި ރައީސްގެ މެސެޖުގައި ވަނީ، އެތައް ބައެއްގެ ފުރާނަ ގެއްލި އަދި ގިނަ ބަޔަކު ޒަޚަމްވި މި ނުރައްކާތެރި ބިންހެލުމުގެ ޚަބަރު އަޑުއެއްސެވީ، ފުން ހިތާމައާ އެކުގައިކަން ހާމަކުރައްވާފައެވެ.
އަދި އެމަނިކުފާނު ވަނީ، ދިވެހި ރައްޔިތުންނާއި ސަރުކާރުގެ ނަމުގައި، ފިލިޕީންސްގެ ރައީސަށާއި، ސަރުކާރަށާއި، ރައްޔިތުންނަށާއި، ބިންހެލުމުގައި މަރުވި މީހުންގެ ޢާއިލާތަކަށް ތަޢުޒިޔާ ވިދާޅުވެ، ހަމްދަރުދީ ފާޅުކުރައްވާފައެވެ.
އެމަނިކުފާނުގެ މެސެޖު ނިންމަވާލައްވާފައިވަނީ، މީހުން ސަލާމަތްކުރުމަށް ކުރަމުންދާ މަސައްކަތްތަކުގައި، ކާމިޔާބީއަށް އެދިވަޑައިގަންނަވަމުންނެވެ.




