ފިލިޕީންސްގެ ދެކުނުގެ ރަށެއް ކަމަށްވާ މިންޑަނާއޯއަށް އައި ބާރުގަދަ ބިންހެލުމެއްގައި މަދުވެގެން 32 މީހުން މަރުވެ، ގިނަ އަދަދެއްގެ އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ. މި ބިންހެލުމާ ގުޅިގެން އޭޝިއާގެ ބައެއް ގައުމުތަކަށް ސުނާމީގެ އިންޒާރުވެސް ވަނީ ނެރެފައެވެ.
ޔުނައިޓެޑް ސްޓޭޓްސް ޖިއޮލޮޖިކަލް ސާވޭ (ޔޫ.އެސް.ޖީ.އެސް) އިން މައުލޫމާތު ދޭ ގޮތުގައި، ރެކްޓާ މިންގަނޑުން 7.8 ގެ ބާރުމިނުގައި މި ބިންހެލުން އައިސްފައިވަނީ ހޯމަ ދުވަހުގެ ހެނދުނު ރާއްޖެ ގަޑިން ހެނދުނު 4:40 (ފިލިޕީންސް ގަޑިން ހެނދުނު 7:40) ހާއިރުއެވެ. މި ހާދިސާގައި 100 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ. ފިލިޕީންސް އިންސްޓިޓިއުޓް އޮފް ވޮލްކަނޮލޮޖީ އެންޑް ސީޒްމޮލޮޖީ (ފިވޮލްކްސް) އިން ބުނި ގޮތުގައި ބިންހެލުމަށްފަހު އެއް ގަޑިއިރަށްވުރެ ގިނަ ވަގުތު ވަރުގަދަ ލޮޅުންތައް އައެވެ.
މި ބިންހެލުމުގެ އަސަރު އެންމެ ބޮޑަށް ކުރީ މިންޑަނާއޯގެ ދެކުނުގައި އޮންނަ، 722،000 މީހުންގެ އާބާދީއެއް އޮންނަ ޖެނެރަލް ސަންޓޯސް ސިޓީއަށެވެ. ފިވޮލްކްސްއިން ބުނި ގޮތުގައި އެ ސިޓީއަށް ބިންހެލުމުގެ އަސަރު ކޮށްފައިވަނީ އެ ގައުމުގެ މިންގަނޑުން "ވަރަށް ބާރުގަދަ" ދަރަޖައެއްގައެވެ.
މީސްމީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި، ޖޮލިބީ ރެސްޓޯރަންޓެއް ހިންގަމުންދިޔަ ތިން ބުރީގެ އިމާރާތެއް ބިންހެލުމުގެ ތެރޭގައި އެއްކޮށް ބިމާހަމަވެ، މުޅި ސަރަހައްދުގައި ހިރަފުސް ބޯވެފައިވެއެވެ. މީގެ އިތުރުން ގިނަ އަދަދެއްގެ އިމާރާތްތަކުގެ ކުޑަދޮރުތައް ތަޅައިގެން ގޮސް، ފުރާޅުތައް ވެއްޓި ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައެވެ. ފުލުހުންގެ ތަރުޖަމާނު ރޮބަޓް ދަގުން ވިދާޅުވި ގޮތުގައި، ސިޓީގެ ސެއިންޓް އެލިޒަބަތު ހޮސްޕިޓަލުގެ ބައެއް ބައިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން، ބަލިމީހުންނާއި މުވައްޒަފުން ވަނީ ހޮސްޕިޓަލުން ބޭރަށް ނެރެފައެވެ.
ފިލިޕީންސްގެ ރައީސް ފާޑިނަންޑް މާކޯސް ޖޫނިއަރ ވަނީ ކުއްލި ހާލަތުގައި ހަރަކާތްތެރިވާ އިދާރާތައް އެލާޓަށް ގެނެސް، ވަގުތުން މަސައްކަތް ފެށުމަށް އަމުރުކުރައްވާފައެވެ. އަދި ބިންހެލުމުގެ އަސަރުކުރި ސަރަހައްދުތަކުގެ ސްކޫލްތައް ބަންދުކުރުމަށްވެސް ރައީސް ވަނީ އަމުރުކުރައްވާފައެވެ. މިއަދަކީ އެ ގައުމުގެ ސްކޫލްތަކުގެ އާ އަހަރުގެ ކިޔެވުން ފެށޭ ދުވަސް ކަމަށްވާއިރު، މި ނިންމުމާ ގުޅިގެން 3.2 މިލިއަން ދަރިވަރުންނާއި 128،000 މުދައްރިސުންނަށް އަސަރުކުރާނެއެވެ.
"އަޅުގަނޑުމެންގެ ދަރިންގެ ސަލާމަތާއި ރައްކާތެރިކަން ހުރިހާ ކަމަކަށްވުރެ އިސްވާނެ،" ރައީސް މާކޯސް ވިދާޅުވިއެވެ.
މި ބިންހެލުމާ ގުޅިގެން ފިލިޕީންސާއި އިންޑޮނޭޝިއާއަށް ނެރުނު ސުނާމީގެ އިންޒާރުތައް ފަހުން ކެންސަލްކޮށްފައިވީ ނަމަވެސް، ޖަޕާނުގެ ދެކުނުގެ އައްސޭރިފަށުގެ ސަރަހައްދުތަކަށް ނެރުނު ސުނާމީ އެޑްވައިޒަރީ އަދިވެސް ދެމި އެބައޮތެވެ. އެ ސަރަހައްދުގެ ރައްޔިތުން ކޯރުތަކާއި އައްސޭރިފަށާ ދުރަށް ދިއުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.




