ނޭޝަނަލް ޑްރަގް އޭޖެންސީ (އެންޑީއޭ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.
އެންޑީއޭގެ ސީއީއޯގެ މަޤާމުގެ ދައުރަކީ ފަސް އަހަރު ދުވަހެވެ. މި މަޤާމަށް ހޮވޭ ފަރާތަކަށް މުސާރައިގެ ގޮތުގައި މަހަކު 23،935ރ. އާއި އެގްޒެކެޓިވް އެލަވަންސްގެ ގޮތުގައި މަހަކު 28،095ރ. ލިބޭނެއެވެ.
އެންޑީއޭ އިން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ މި މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި މެއިލްކުރައްވާނީ 08 ޖުލައި 2026 ވާ ބުދަ ދުވަހުގެ 14:00 ގެ ކުރިން [email protected] އަށް ކަމަށެވެ.
އަދި މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭ 10 ފަރާތެއް ޝޯޓްލިސްޓުކުރެވޭނެ ކަމަށާއި، އެންޑީއޭގެގެ ބޯޑުން އެޕްލިކޭޝަންތައް އިވޮލެއޭޓްކުރުމަށްފަހު އިންޓަވިއުއަށް ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށް އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު އެންގޭނެ ކަމަށް އިޢުލާނުގައި ބުނެފައިވެއެވެ.
އަދި އިންޓަވިއު ޝޯޓްލިސްޓް ކުރުމަށްފަހު އިންޓަވިއު ކުރެވޭ ފަރާތްތަކަށް ޕްރެޒެންޓޭޝަން ހުށަހެޅުމަށް ފުރުސަތު އެރުވޭނެ ކަމަށާއި، ޕްރެޒެންޓޭޝަން ގައިޑްލައިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކަށް މެއިލްކުރެވޭނެ ކަމަށްވެސް އެންޑީއޭ އިން ވަނީ ބުނެފައެވެ.




