މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ ގީލާ ޢަލީ، ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާޢީލް ރަޝީދާއި އެ ކުންފުނީގެ އިސް ވެރިންނާ ބައްދަލުކުރައްވައިފިއެވެ.
ޞިއްޙީ ވުޒާރާއިން ހާމަކުރި ގޮތުގައި މިއީ ޞިއްޙީ ދާއިރާއާއި އިޖުތިމާޢީ ގޮތުން އެންމެން ޝާމިލުކުރާ (އިންކްލޫސިވް) ދާއިރާތައް ކުރިއެރުވުމަށްޓަކައި ދެ ފަރާތް ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާ ބެހޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެކެވެ.
މިގޮތުން މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ ޞިއްޙީ ޚިދުމަތްތަކާއި، އެންމެން ޝާމިލުވާ އިޖުތިމާޢީ ޕްރޮގްރާމްތައް އިތުރަށް ހަރުދަނާކޮށް، މުޖުތަމަޢުގެ އާންމު ލާބައާއި މަންފާއަށްޓަކައި ދެ ފަރާތުގެ މެދުގައި އޮތް އެއްބާރުލުން ވަރުގަދަކުރުމުގެ މައްޗަށް ކަމަށް އެ ވުޒާރާއިން ބުނެއެވެ.
މި ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި ވަޒީރު ގީލާ ވަނީ ޤައުމީ ފެންވަރުގައި އިސްކަންދޭ މުހިންމު ކަންކަން ޙާޞިލުކުރުމުގައި ސަރުކާރާއި އަމިއްލަ ފަރާތްތަކާ ދެމެދު އޮންނަ ގުޅުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ. ޚާއްޞަގޮތެއްގައި، ކުރިއަށް އޮތް ތަނުގައި ޑިޖިޓަލް ހެލްތު އަދި ޓެލެމެޑިސިންގެ ޚިދުމަތްތައް ފުޅާކޮށް، ޓެކްނޮލޮޖީގެ އެހީގައި ޞިއްޙީ ޚިދުމަތްތައް މުޅި ރާއްޖެއަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށް ދެފަރާތް ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުން މި ބައްދަލުވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.
މީގެ އިތުރުން، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ދެވޭ ޚިދުމަތްތައް ރަނގަޅުކުރުމަށްޓަކައި، ޞިއްޙީ އަދި އިޖުތިމާޢީ ދާއިރާއިން ކުރިއަށްގެންދާ ހަރަކާތްތަކަށް ދިރާގުން މެދުނުކެނޑި ދެމުންދާ އެހީތެރިކަމާއި، އެ ކުންފުނިން ވެދޭ އަގުހުރި ޚިދުމަތްތައް ފާހަގަކުރައްވައި މިނިސްޓަރ ވަނީ ދިރާގަށް ޝުކުރު އަދާކުރައްވާފައެވެ.
މި ބައްދަލުވުން ނިންމާލާފައިވަނީ، ޞިއްޙީ އަދި އިޖުތިމާޢީ ދާއިރާގެ މިފަދަ މުހިންމު ކަންކަމުގައި ކުރިއަށް އޮތް ތަނުގައިވެސް ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެގެންނެވެ.




