2036 ވަނަ އަހަރުގެ އޮލިމްޕިކްސް އަދި ޕެރަލިމްޕިކް ގޭމްސް ގަތަރުގައި ބޭއްވުމަށް ކުރާ ބިޑުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމަށް އުރީދޫ މޯލްޑިވްސްގެ ޗެއާޕާސަން ފާތިމާ ސުލްތާނާ އަލް ކުވާރީ އައްޔަންކޮށްފިއެވެ.
އަލް ކުވާރީއަކީ އެގްޒެކެޓިވް ލީޑާޝިޕްގެ ދާއިރާގައި 20 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ، އަދި އުރީދޫގެ އިސް ގިނަ މަގާމުތަކެއް ފުރުއްވާފައިވާ ބޭފުޅެކެވެ. އޭނާ ވަނީ މެދުއިރުމައްޗާއި، އުތުރު އެފްރިކާ އަދި ދެކުނު އިރުމަތީ އޭޝިއާގެ ނުވަ މާކެޓެއްގެ ސްޓްރެޓީޖިކް އަދި އޮޕަރޭޝަނަލް ޕްރޮގްރާމްތައް ބަލަހައްޓަވާފައެވެ. މީގެއިތުރުން "އުރީދޫ ދޯހާ މެރަތަން" ލޯންޗްކުރުން ހިމެނޭހެން، ގަތަރުގެ ކުޅިވަރުގެ ދާއިރާ ކުރިއެރުވުމުގައިވެސް އޭނާ ވަނީ މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ.
އަލް ކުވާރީގެ އައު މަގާމުގެ ޒިންމާތަކުގެ ތެރޭގައި ގަތަރުގެ އޮލިމްޕިކް ކެމްޕޭންގެ ސްޓްރެޓީޖިކް، އޮޕަރޭޝަނަލް އަދި އިންތިޒާމީ ހުރިހާ ކަމެއް އިސްކޮށް ބެލެހެއްޓެވުން ހިމެނެއެވެ. އަދި ގަތަރުގެ ކުޅިވަރު އިންފްރާސްޓްރަކްޗާ އާއި ދުރުރާސްތާގެ ތަރައްގީގެ އަމާޒުތައް ހިމެނޭ ވަރުގަދަ ޕްރޮޕޯޒަލެއް ތައްޔާރުކުރުމަށްޓަކައި، ބައިނަލްއަގްވާމީ ފަރާތްތަކާ ގުޅިގެން އޭނާ މަސައްކަތް ކުރައްވާނެއެވެ.
މި ބިޑުގެ ސީއީއޯގެ މަގާމަށް އަލް ކުވާރީ އައްޔަންކުރުމަކީ އޮލިމްޕިކްސް ބޭއްވުމުގެ ޝަރަފު ހޯދުމަށް ގަތަރުން ކުރާ މަސައްކަތަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.




