މަސްތުވާތަކެތީގެ މައްސަލައެއްގައި ތ. ވިލުފުށިން ތިން މީހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބުލޫބެލް / ދ. ހުޅުދެލި، ޙަސަން ވަޙީދު (28އ) އާއި ޗަމްޕާޕޫލްގެ / ތ. ވިލުފުށި، މުސާ ފާތިކު (31އ) އާއި ހިރި / ތ. ތިމަރަފުށި، ޢާޞް އިބްރާހީމް (34އ) އެވެ.
ފުލުހުން ބުނީ މި މީހުން ހައްޔަރުކޮށްފައިވަނީ ތިމަރަފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅޭކަމަށް ލިބުނު މައުލޫމާތާ ގުޅިގެން ވިލުފުށީ ޕޮލިސް ސްޓޭޝަނާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ޖޫން 2 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި ކަމަށެވެ.
މިގޮތުން މި އޮޕަރޭޝަންގައި ވިލުފުށީ މަގުމަތިން އެ މީހުން ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށާއި، މި ތަކެތީގެ ވަގުތީ ބަރުދަނަކީ 41.62 ގުރާމު ކަމަށް ފުލުހުން ބުންޏެވެ.
އަދި މި މައްސަލައާ ގުޅިގެން ޙަސަން ވަޙީދު (28އ) އާއި މުސާ ފާތިކު (31އ) 10 ދުވަހަށް ބަންދުކުރުމަށް އަދި ޢާޞް އިބްރާހީމް (34އ) 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށްވެސް ފުލުހުން ހާމަކުރެއެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.




