ސަމޯއާ ގެ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ބޮޑު ވަޒީރު އަދި މިނިސްޓަރ އޮފް ފޮރިން އެފެއާޒް އެންޑް ޓްރޭޑް، ހިޒް އެކްސަލަންސީ ލައައުލިއަލެމަލީޓޯ ލިއުޓިއާ ޕޮލަޓައިވައޯ ފޮސީ ޝްމިޓް އަށް ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރު، އިރުތިޝާމް އާދަމް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފިއެވެ.
ވަޒީރުގެ މެސެޖުގައި ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، އަދި އެކަމަނާގެ އަމިއްލަ ނަމުގައި ހިޒް އެކްސަލަންސީ ލައައުލިއަލެމަލީޓޯ ލިއުޓިއާ ޕޮލަޓައިވައޯ ފޮސީ ޝްމިޓް އަށާއި، ސަމޯއާ ގެ ސަރުކާރަށާއި ރައްޔިތުންނަށް، ސަމޯއާ ގެ މިނިވަން ދުވަހުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް އަރިސްކުރައްވާފައިވެއެވެ.
ވަޒީރު ވިދާޅުވީ ދިވެހިރާއްޖެ އާއި ސަމޯއާ އަކީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ދެ ޤައުމު ކަމުގައިވާތީ، ކުރިއަށް އޮތް އަހަރުތަކުގައި ވެސް، ދިވެހިރާއްޖެ އާއި ސަމޯއާ އާ ދެމެދު އޮންނަ ގުޅުމާއި އަދި ވަކިން ޚާއްސަކޮށް ދެ ޤައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ގުޅުން އިތުރަށް ބަދަހިވެގެންދާނޭ ކަމުގައި ޔަޤީންކުރައްވާ ކަމަށެވެ.
"އަޅުގަނޑު މަނިކުފާނަށް ކުރާ މަތިވެރި ޤަދަރު އާކޮށް، އެކަން ޔަޤީންކޮށް އެރުވުމަށް މި ފުރުސަތުގެ ބޭނުންކުރީން"، ވަޒީރުގެ މެސެޖުގައި ވެއެވެ.




