އިޒްރޭލުގެ ސިފައިން ލުބުނާނުގެ ދެކުނުގެ ސަރަހައްދުތަކަށް އަންގާރަ ދުވަހު ދިން ވަރުގަދަ ހަމަލާތަކެއްގައި 31 މީހުން ޝަހީދުކޮށްލައި، 40 އަށްވުރެ ގިނަ މީހުން ޒަހަމްކޮށްލައިފިއެވެ.
އަލްޖަޒީރާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އިޒްރޭލުން ވަނީ ލުބުނާނުގެ ދެކުނާއި އިރުމަތީގެ އެތައް ރަށަކާއި އަވަށެއް ހުސްކުރުމަށް އަމުރުކޮށް، އެ ސަރަހައްދުތަކަށް ދޭ ހަމަލާތައް ވަރަށް ބޮޑަށް ވަރުގަދަކޮށްފައެވެ.
އިޒްރޭލުގެ މި ހަމަލާތަކާ ގުޅިގެން އީރާނުގެ ވެރިރަށް ތެހެރާނުގައި ހުންނަ އަލްޖަޒީރާގެ މުރާސިލު ރިޕޯޓްކޮށްފައިވާ ގޮތުގައި، އެމެރިކާއިން ސުލްހައިގެ އެއްބަސްވުމާ ސާފުކޮށް ހިލާފުވަމުންދާ ކަމަށް ބުނެ އީރާނުގެ އޮފިޝަލުން ވަނީ އެކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.
ހޯމަ ދުވަހު އީރާނުގެ ދެކުނުގެ ސަރަހައްދުތަކަށް އެމެރިކާއިން ދިން ހަމަލާތަކާ ގުޅިގެން، މިހާރު ކުރިއަށްދާ ޑިޕްލޮމެޓިކް މަސައްކަތްތަކަށް ބޮޑު ގޮންޖެހުމެއް ކުރިމަތިވެފައިވާ ކަމަށާއި، މިހާރު އެއްވެސް އިތުބާރެއް ނެތް ކަމަށް އީރާނުން ބުނެއެވެ.
އީރާނުގެ ހަތިޔާރު އެޅި ބާރުތަކުގެ އިސް ތަރުޖަމާނަކު ވަނީ، އެމެރިކާ އާއި އިޒްރޭލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފަށައިފިނަމަ، އެކަމުގެ ރައްދު "މާ ވަރުގަދަ އަދި މާ ހަރުކަށި" ވާނެ ކަމުގެ އިންޒާރު ދީފައެވެ.
ފާރްސް ނިއުސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ރައްދު ސަރަހައްދީ ބޯޑަރުތަކުން ބޭރަށް ފުޅާވެގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން، އީރާނުގެ އެތެރޭގެ ހާލަތަށް ބަލާއިރު، އެ ގައުމުގެ ނައިބު ރައީސް މުޙައްމަދު ރިޒާ އާރިފް ވަނީ، ހަފްތާތަކެއް ވަންދެން މެދުކަނޑާލާފައިވާ އިންޓަނެޓްގެ ހިދުމަތް އަލުން ފުރިހަމައަށް އިއާދަކުރުމުގެ ފުރަތަމަ ފިޔަވަޅު މިހާރު އަޅާފައިވާކަން ކަށަވަރުކޮށްދެއްވާފައެވެ.




