ސަޢުދީ ޢަރަބިއްޔާގެ މައްކާގައި ބޭއްވުމަށް ހަމަޖެހިފައިވާ 46 ވަނަ "ކިންގް ޢަބްދުލްޢަޒީޒް އިންޓަރނޭޝަނަލް ކޮމްޕެޓިޝަން ފޮރ ދަ މެމޮރައިޒޭޝަން، ރެސިޓޭޝަން އެންޑް އިންޓަރޕްރިޓޭޝަން އޮފް ދަ ހޮލީ ޤުރްއާން" ގައި ބައިވެރިވުމުގެ ފުރުޞަތު ދިވެހިރާއްޖެއަށް ހުޅުވާލައިފިއެވެ.
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން ކުރި އިޢުލާނެއްގައި ބުނެފައިވަނީ، މި މުބާރާތުގައި ބައިވެރިވުމުގެ ދަޢުވަތު ރާއްޖެއަށް ލިބިފައިވާ ކަމަށެވެ. މި މުބާރާތުގެ ދެ ކެޓެގަރީއަކުން، ކޮންމެ ކެޓެގަރީއަކުން އަންހެން އަދި ފިރިހެން ބައިވެރިއަކު ބައިވެރިކުރުމުގެ ފުރުޞަތު ރާއްޖެއަށް ވަނީ ލިބިފައެވެ.
މި މުބާރާތުގައި ބައިވެރިވުމުގެ އާންމު ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށްވުމާއި، ހިޖްރީ ގޮތުން ޢުމުރުން 25 އަހަރު ފުރިފައި ނުވުން ހިމެނެއެވެ. މީގެ އިތުރުން، ރާއްޖޭގެ މަޝްހޫރު ޤާރީއަކަށް ނުވުމާއި، މީގެ ކުރިން މި މުބާރާތުގައި ބައިވެރިވެފައިވާ ފަރާތަކަށް ނުވުންވެސް ޝަރުތުތަކުގެ ތެރޭގައި ހިމެނެއެވެ.
ބައިވެރިވެވޭ ކެޓެގަރީތަކާއި ޚާއްޞަ ޝަރުޠުތައް:
- މުޅި ޤުރްއާން އެއްކޮށް ތަޖުވީދުގެ ހަމަތަކާއެކު ހިތުން ކިޔެވުން: މި ކެޓެގަރީގައި ބައިވެރިވެވޭނީ ޤުރްއާން ޙިފްޡުކޮށް ސަނަދު ޙާޞިލުކޮށްފައިވާ، އަދި ތަޖުވީދުގެ ޙުކުމްތަކާއެކު ފަރިތަކޮށް ކިޔަވަން އެނގޭ ފަރާތްތަކަށެވެ.
- ވިދިވިދިގެން ޤުރްއާނުގެ 15 ފޮތް ތަޖުވީދުގެ ހަމަތަކާއެކު ހިތުން ކިޔެވުން: މި ކެޓެގަރީގައި ބައިވެރިވެވޭނީ ޤުރްއާނުގެ 15 ފޮތް ތަރުތީބުން ހިތުން ދަސް، އަދި ތަޖުވީދުގެ ޙުކުމްތަކާއެކު ކިޔަވަން އެނގޭ ފަރާތްތަކަށެވެ.
ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުން މަޢުލޫމާތު ދޭ ގޮތުގައި، މުބާރާތަށް ބައިވެރިން ހޮވާނީ ހުށަހަޅާ ފަރާތްތަކުގެ މެދުގައި ބޭއްވޭ އިމްތިޙާނަކަށް ފަހުގައެވެ. އަދި ފެނުމުން މަޙުރޫމުވެފައިވާ ފަރާތްތަކާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ އިތުރުން 17 އަހަރު ނުފުރޭ ކުދިން ހޮވިއްޖެނަމަ، އެ ފަރާތްތަކާއެކު ބެލެނިވެރިޔަކު ގެންދިޔުމުގެ އިންތިޒާމް މުބާރާތް އިންތިޒާމުކުރާ ފަރާތުން ހަމަޖައްސައިދޭނެއެވެ.
މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން 3 ޖޫން 2026 ވާ އަންގާރާ ދުވަހުގެ މެންދުރު 12:00 ގެ ކުރިން، މަރުކަޒުން ކަނޑައަޅާފައިވާ ގޫގުލް ފޯމު މެދުވެރިކޮށް ހުށަހެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.




