ބޯހިޔާވަހިކަން އެންމެންނަށް ސިޔާސަތުގެ ދަށުން މާލެ ސަރަހައްދުން ފުލެޓާއި ގޯއްޗަށް އެދި ހުޅުވާލާފައިވާ ސްކީމުތަކަށް އެޕްލިކޭޝަން ހުށަހަޅަންޖެހޭ މުއްދަތު އިތުރުކޮށްފިއެވެ.
ހައުސިންގ މިނިސްޓްރީން މިއަދު ކުރި އިޢުލާނެއްގައި ބުނެފައިވަނީ ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" މި ސިޔާސަތުގެ ދަށުން މާލެ ސަރަޙައްދުގައި މިވަގުތު ކުރިޔަށް ގެންދާ ގިނަ ސްކީމުތަކަށް ފޯމު ހުށަހެޅުމުގެ މުއްދަތު މި މަހުގެ 31 ގެ ނިޔަލަށް ހަމަވާގޮތަށް އޮތް ކަމުގައިވީނަމަވެސް، އަޟްޙާ ޢީދަކީ ގިނަ ފަރާތްތަކަކުން ޢާއިލާއާއެކު ޗުއްޓީ ހޭދަކުރުމަށްޓަކައި ރަށުން ބޭރަށް ދާ ދުވަސްވަރަކަށް ވުމާއި، ޢީދު ބަންދާ ގުޅިގެން ސަރުކާރު ބަންދު ވެފައިވުމާއެކު، ފޯމު ހުށަހެޅުމަށް ބޭނުންވާ ލިޔެކިއުންތައް ހަމަކުރުމާއި ކަނޑައަޅައިފައިވާ މުއްދަތުގައި ފޯމު ހުށަހެޅުމުގައި ދަތިވަމުންދާކަމަށް ގިނަ އަދަދެއްގެ ފަރާތްތަކުން މިނިސްޓްރީއަށް ޝަކުވާ ހުށަހަޅުއްވަމުންދާ ކަމަށެވެ.
އެހެންކަމުން މާލެ ސަރަހައްދުން ފުލެޓާއި ގޯއްޗަށް އެދި މިނިސްޓްރީން ހުޅުވާލާފައިވާ ހުރިހާ ސްކީމުތަކަށް އެދި ހުށަހެޅުމުގެ މުއްދަތު 15 ޖޫން 2026 ވާ ހޯމަ ދުވަހުގެ 23:59 ގެ ނިޔަލަށް އިތުރުކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ހައުސިންގ މިނިސްޓްރީން ވަނީ ހުރިހާ ފަރާތްތަކަކުންވެސް ފޯމު ހުށަހެޅުއްވުމުގެ ކުރިން ފޯމު ފުރިހަމަކޮށްލައްވާފައިވަނީ އެޕްލިކޭޝަން ހުށަހަޅަން އެދޭ ސްކީމަށްތޯއާއި، ލިޔެކިއުންތަކާއި މަޢުލޫމާތުތައް ފުރިހަމަކުރެވިފައިވަނީ ރަނގަޅަށްތޯ ކަށަވަރުކުރެއްވުމަށްފަހު، ފޯމު ހުށަހެޅުމަށް ހުޅުވާލައިފައިވާ މުއްދަތުގެ ތެރޭގައި، ފޯމު ހުށަހެޅުއްވުމަށް ސަމާލުވެލެއްވުމަށް އެދިފައެވެ.
އަދި އެޕްލިކޭޝަން ހުށަހަޅުއްވަން އެދޭ ފަރާތްތަކުން ފޯމު ހުށަހެޅުއްވިފައިވާކަން ޕޯޓަލުން ކަށަވަރުކުރެއްވުމަށް ސަމާލުކަން ދެއްވުމަށްވެސް އެ މިނިސްޓްރީން ވަނީ އެދިފައެވެ.
މި ސްކީމުގެ ދަށުން ގްރޭޓަރ މާލެ އާއި ރަސްމާލެ ހިމެނޭހެން ޖުމްލަ 15,000 ގޯއްޗާއި 7,900 ފްލެޓް ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ބޯހިޔާވަހިކަން މާލޭގެ ރަށްވެހިންނާއި، މާލޭގައި ދިރިއުޅޭ އެހެން ރަށްރަށުގެ މީހުންނާއި، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ މެދުގައި ވަކި އުޞޫލަކުން ބަހާލެވޭނެއެވެ.
ސަރުކާރުން މިހާރު ވަނީ އުޞޫލުތަކަށް ބަދަލު ގެނެސް، ދެމަފިރިންގެ ތެރެއިން އެކަކަށް ބޯހިޔާވަހިކަން އޮތަސް ކުރިމަތިލެވޭ ގޮތަށް ހަމަޖައްސައި، ކުރިން ކުދި ފްލެޓް ލިބިފައިވާ ފަރާތްތަކަށް ބޮޑެތި ފްލެޓަށް އެދުމުގެ ފުރުޞަތު ހުޅުވާލާފައެވެ. މީގެ އިތުރުން ޖޮއިންޓްކޮށް ގޯތި ލިބިފައިވާ ފަރާތްތަކަށާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް މިހާރު ވަނީ ބޯހިޔާވަހިކަމަށް ކުރިމަތިލުމުގެ ފުރުޞަތު ފަހިކޮށްދީފައެވެ.




