މާލެ އާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑުމާ ގުޅިގެން، ގްރޭޓަރ މާލެ އިންޓަކަނެކްޝަން ގްރިޑް އެނަޖައިޒް ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ހާމަކޮށްފިއެވެ.
ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށެވެ. މި މައްސަލަ ދެނަގަނެ، ވީއެންމެ އަވަހަކަށް ޚިދުމަތް އިއާދަކުރުމުގެ މަސައްކަތް އެ ކުންފުނީގެ އިންޖިނިއަރުުން ކުރަމުންދާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.
ޚިދުމަތް މެދުކެނޑިފައިވާ ސަރަހައްދުތަކަށް އަލުން ކަރަންޓު ދިނުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތަފްސީލު ހިއްސާކުރަމުން ސްޓެލްކޯއިން ބުނީ، މިހާރު ކުރިއަށްދަނީ ގްރޭޓާމާލެ އިންޓަކަނެކްޝަން ގްރިޑް އެނަޖައިޒް ކުރުމުގެ މަސައްކަތް ކަމަށެވެ. އަދި މި ގްރިޑް އެނަޖައިޒް ކުރެވުމާއެކު، މިހާރު ކަރަންޓު ނެތް ހުރިހާ ސަރަހައްދުތަކަށް ވީއެންމެ އަވަހަކަށް އަލުން ޚިދުމަތް ދެވިގެންދާނެ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.
ސްޓެލްކޯއިން އެންމެ ފަހުން ހާމަކޮށްފައިވާ ގޮތުގައި، މައްސަލަ ދިމާވި ސަރަހައްދުތަކުގެ ތެރެއިން މާލެއާއި ހުޅުމާލޭގެ ބައެއް ހިސާބުތަކަށް މިހާރު ވަނީ އަލުން ކަރަންޓު ދެވިފައެވެ. އަދި ނުދެވި ހުރި ސަރަހައްދުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް މެދުކެނޑުމެއް ނެތް ކުރިއަށްދާ ކަމަށް ވެސް އެ ކުންފުނިން ބުނެއެވެ.
މި ދިމާވި ކަރަންޓު ކެނޑުމުގެ މައްސަލައިގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވާނެ ދަތިތަކަށްޓަކައި ސްޓެލްކޯއިން ވަނީ މަޢާފަށް އެދިފައެވެ.




