"ޢީދު ހަވީރު 1447" ގެ ނަމުގައި މި އަހަރުގެ އަޟްޙާ ޢީދުވެސް ގްރޭޓާ މާލެ ސަރަހައްދުގައި ކުލަގަދަކޮށް ފާހަގަކުރުމަށް ނިންމައިފިއެވެ.
އެމްއެންޑީއެފުން އިސްނަގައިގެން ކުރިއަށްގެންދާ "ޢީދު ހަވީރު 1447"ގައި ސިފައިންނާއި ފުލުހުންގެ އިތުރުން، ދައުލަތުގެ 10 އެސްއޯއީއަކުން ބައިވެރިވާ ގޮތަށް ވަނީ ހަމަޖެހިފައެވެ.
އެމްއެންޑީއެފުން ހާމަކުރާ ގޮތުގައި މާލޭގައި ޢީދު ހަވީރުގެ ހަރަކާތްތައް އޮންނާނީ މޭ 27އިން 29އަށް، ތިން ދުވަހަށް ބަހާލައިގެން ސަލްޓަން ޕާކާއި، ޝަހީދުންގެ ބިނާ ސަރަހައްދު ހިމެނޭހެން ޖުމްހޫރީ މައިދާނާއި ރަސްމީ ބޮޑުފާލަން ސަރަހައްދުގައެވެ.
މިގޮތުން، މި ސަރަހައްދުގައި ވޯޓަރ ފައުންޓެއިން، ފޯމް ބާތް ޕޫލް، ރެޕަލިންގ ކުރުން، އަދި ޤައުމީ ދިފާޢީ ބާރުގެ ސިފައިންގެ ޔުނިފޯމްތަކާއި އޮޕަރޭޝަންތަކުގައި ބޭނުންކުރާ އެކި ކަހަލަ ހަތިޔާރުތަކާއި އެއްގަމާއި ކަނޑުމަތީގައި ބޭނުންކުރާ އެކި އުޅަނދުތައް ދައްކާލުމާއި އެ ތަކެއްޗާ އެކު ފޮޓޯނެގުމުގެ އިންތިޒާމް ހަމަޖެހިފައިވާނެ ކަމަށާއި، މާލޭގައި މޭ 28ވަނަ ދުވަހު، އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯރގެ އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްއިން ޚާއްޞަ ހަރަކާތްތަކެއް ހުށަހަޅައިދިނުމަށް ވެސް ހަމަޖެހިފައިވާއިރު، ބޭނުންވާ ފަރާތްތަކަށް ކެންޓީނުގެ ޚިދުމަތް ވެސް ލިބެން ހުންނާނެ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
މީގެ އިތުރުން އެމްއެންޑީއެފުން ބުނީ ހުޅުމާލޭގައި ވެސް ޢީދު ހަވީރުގެ ހަރަކާތްތައް އޮންނާނީ އެ ތިން ދުވަހު، ހުޅުމާލެ ސެންޓްރަލް ޕާކާއި، ފޭސް 2ގެ ހިޔާ ޕާކް ސަރަހައްދުގައި ކަމަށެވެ.
މިގޮތުން ހުޅުމާލެ ސެންޓްރަލް ޕާކުގައި، ރެޕަލިންގ ކުރުމާއި، ވޯޓަރ ސްލައިޑިންގއާއި، ފޯމް ބާތް ޕޫލްގެ އިތުރުން، ބޭނުންފުޅުވާ ފަރާތްތަކަށް ކެންޓީނުގެ ޚިދުމަތް ލިބެން ހުންނާނެ ކަމަށާއި، ފޭސް2ގެ ހިޔާޕާކުގައި އޮންނަ ހަރަކާތްތަކުގެ ތެރޭގައި ރެޕަލިންގ ކުރުމާއި، ފަޔަރ އިކުއިޕްމަންޓްސް ދައްކާލުމާއި، ޓޭބަލް ލެޑަރއަށް އެރުން ފަދަ ހަރަކާތްތައް ހިމެނޭ ކަމަށްވެސް އެމްއެންޑީއެފުން ބުނެއެވެ.
މީގެ އިތުރުން ހުޅުމޭލެ ސެންޓްރަލް ޕާކުގައި މޭ 27 އަދި 29ވަނަ ދުވަހު އެމްއެންޑީއެފް އެޖުޓަންޓް ޖެނެރަލްސް ކޯރގެ އާޓްސް އެންޑް ސެރެމޯނިއަލް ސަރވިސްއިން ޚާއްޞަ ހަރަކާތްތަކެއް ހުށަހަޅައިދިނުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
އެމްއެންޑީއެފުން ހާމަކުރާ ގޮތުގައި ވިލިމާލޭ ފުޓްބޯޅަ ދަނޑުގައި، މޭ 27އިން 30އަށް، ހަތަރު ދުވަހަށް ބަހާލައިގެން ބާއްވާ "ޢީދު ހަވީރު" ގައި ރެޕަލިންގ ކުރުމުގެ ފުރުޞަތާއި، އޮބްސްޓިކަލް ކޯސްތަކުގެ އިތުރުން ކުޑަކުދިން ގަޔާވާ ތަފާތު އެކިކަހަލަ ކުޅިވަރުގެ ޙަރަކާތްތައް އިންތިޒާމް ކުރެވޭނެއެވެ.
ޢީދު ހަވީރުގެ ހަރަކާތްތައް ކުރިއަށް ދާނީ، ޢީދުހަވީރު އޮންނަ ކޮންމެ ދުވަހެއްގެ 16:00 އިން 18:00 އަށެވެ.
މި އަހަރުގެ ޢީދު ހަވީރުގައި ބައިވެރިވާ އެސްއޯއީތަކުގެ ތެރޭގައި ސްޓެލްކޯއާއި، އެމްޑަބްލިޔުއެސްއީއާއި، ވެމްކޯއާއި، އެމްޕީއެލްއާއި، އެމްޓީސީސީއާއި، އެމްއޭސީއެލްއާއި، މިފްކޯއާއި، އާރުޑީސީއާއި، އެޗްޑީސީ އަދި އެފްޑީސީ ހިމެނެއެވެ.




