ސްވިޓްޒަލަންޑުގެ ޖެނީވާގައި ކުރިއަށްދިޔަ ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިއު.އެޗް.އޯ) ގެ 79 ވަނަ "ވޯލްޑް ހެލްތު އެސެމްބްލީ" ގައި ބައިވެރިވެވަޑައިގަތުމަށްފަހު، މިނިސްޓަރ އޮފް ހެލްތު، ފެމިލީ އެންޑް ވެލްފެއަރ ޤީލާ ޢަލީ މިއަދު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ.
ޞިއްޙީ ވުޒާރާއިން ހާމަކުރި ގޮތުގައި މޭ މަހުގެ 18 އިން 23 އަށް ކުރިއަށްދިޔަ މި ބައްދަލުވުމުގައި ދުނިޔޭގެ 194 ޤައުމަކުން ބައިވެރިވެފައިވާއިރު، މި އަހަރުގެ އެސެމްބްލީގެ މައިގަނޑު މައުޟޫޢަކީ "ރީޝޭޕިންގް ގްލޯބަލް ހެލްތް: އަ ޝެއަރޑް ރެސްޕޯންސިބިލިޓީ" އެވެ. މި މައުޟޫޢަށް ބޭއްވުނު ބަހުސްގައި މިނިސްޓަރ ޤީލާ ވަނީ ދިވެހިރާއްޖޭގެ ފަރާތުން ތަޤުރީރު ކުރައްވާފައެވެ.
މި ދަތުރުފުޅުގައި ރާއްޖެއަށް ވަނީ ބައިނަލްއަޤުވާމީ ފެންވަރުގެ މުހިންމު ކާމިޔާބީއެއް ލިބިފައެވެ. އެގޮތުން، މައިމީހާގެ ފަރާތުން ދަރިފުޅަށް އެޗް.އައި.ވީ، ހެޕަޓައިޓިސް ބީ އަދި ސިފިލިސް ޖެހުން ނައްތާލެވިފައިވާކަމުގެ އެވޯޑު ރާއްޖެއަށް ވަނީ ލިބިފައެވެ. މިއީ ދުނިޔޭގެ ފެންވަރުގައި މި ޝަރަފު ޙާސިލުކުރި ފުރަތަމަ ޤައުމުގެ ގޮތުގައި ދިވެހިރާއްޖެ ހިމެނިގެންދިޔަ ތާރީޚީ ކާމިޔާބީއެކެވެ.
އެސެމްބްލީގެ ހަވާސާގައި މިނިސްޓަރ ޤީލާ ވަނީ ރާއްޖޭގެ ޞިއްޙީ ދާއިރާ ހަރުދަނާކުރުމަށް އެކި ޤައުމުތަކާއި ބައިނަލްއަޤުވާމީ ޖަމިއްޔާތަކާއެކު މުހިންމު މަޝްވަރާތަކެއް ކުރައްވާފައެވެ. އެގޮތުން ބަންގްލަދޭޝް، ނޭޕާލް އަދި އިޓަލީގެ ވަފުދުތަކާ ބައްދަލުކުރައްވައި، ދޭދޭ ގުޅުން ބަދަހިކުރުމާއި އެހީތެރިކަން ހޯދިދާނެ ދާއިރާތަކާ ގުޅޭގޮތުން ވާހަކަފުޅު ދެއްކެވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ ނަފްސާނީ ޞިއްޙަތުގެ ނިޒާމާއި ޤާނޫނުތައް ހަރުދަނާކުރުމަށްޓަކައި "ޔުނައިޓަޑް ފޯ ގްލޯބަލް މެންޓަލް ހެލްތު" ގެ ޕޮލިސީ އެޑްވައިޒަރ އަލީ ހަސްނައިންއާ ބައްދަލުކުރެއްވިއެވެ. އަދި ޑަބްލިއު.އެޗް.އޯ ގެ ދެކުނު އިރުމަތީ އޭޝިއާގެ އޮފިސަރ އިން ޗާރޖް ޑރ. ކަތަރީނާއާއެކު ބޭއްވެވި ބައްދަލުވުމުގައި، ނަފްސާނީ ދުޅަހެޔޮކަމާއި، ޓީބީގެ ފަރުވާ ކުރިއެރުވުމާއި، ބޭސް އެތެރެކުރުމުގެ ރެގިއުލޭޓަރީ ނިޒާމު ހަރުދަނާކުރުމަށް ރާއްޖެއަށް ބޭނުންވާ އެހީތެރިކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
މި ދަތުރުފުޅުގައި ރާއްޖޭގެ ވަފުދުން ވަނީ އެސެމްބްލީގެ ސައިޑް އިވެންޓްތަކުގައިވެސް އިސް ދައުރެއް އަދާކުރައްވާފައެވެ. އެގޮތުން މޮލްޓާއިން އިންތިޒާމުކޮށް ދިވެހިރާއްޖެއިން ކޯހޯސްޓް ކުރި "އެޑްވާންސިންގް ކޮމްޕްލެކްސް ކެއަރ އިން އަ ޑިޖިޓަލް އީރާ ފޯ ސްމޯލް ސްޓޭޓްސް" ބައްދަލުވުމާއި، ނޫރާ ހެލްތާއި އިންޑޮނޭޝިޔާ ގުޅިގެން ބޭއްވި "ތްރެޑްސް އޮފް ކެއަރ" އިވެންޓްގައި މިނިސްޓަރ ޤީލާ އާއި މިނިސްޓްރީގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.




