މޯލްޑިވްސް ޙައްޖު ކޯޕަރޭޝަންގެ ޙަވާލުގައި މިއަހަރު ޙައްޖަށްފުރާ އެންމެ ފަހު ގްރޫޕްގެ ޙައްޖުވެރިން ފުރައިފިއެވެ.
ޙައްޖު ކޯޕަރޭޝަނުން ހާމަކުރި ގޮތުގައި މި ފްލައިޓުގައި 253 ޙާޖީން ދަތުރުކުރެއެވެ.މި ފްލައިޓް ފުރާފައިވަނީ ރާއްޖެ ގަޑިން މިއަދު ހެނދުނު 09:45 ގައެވެ. މި ފްލައިޓާއެކު، މިއަހަރު ރާއްޖެއިން ޙައްޖަށްދާ ހުރިހާ ޙައްޖުވެރިން މިހާރު ވަނީ ފުރައި ނިމިފައެވެ.
މިއަހަރު ޙައްޖުވެރިން ސަޢުދީއަށް ގެންގޮސްފައިވަނީ ޖުމްލަ 4 ފްލައިޓެއްގައެވެ. އެއީ ސަޢުދީ އެަރަބިއަން އެއާލައިންސްގެ 2 ފްލައިޓާއި، ޤައުމީ އެއާލައިން 'މޯލްޑިވިއަން' ގެ 2 ފްލައިޓެވެ.
މިއަހަރުވެސް ޙައްޖުވެރިން ފުރުމުގެ އިންތިޒާމުތައް ކުރިއަށްގެންގޮސްފައިވަނީ "މައްކާ ރޫޓް އިނީޝިއޭޓިވް" ގެ ދަށުންނެވެ. މި އިންތިޒާމުގެ ސަބަބުން ޙައްޖުވެރިންގެ އިމިގްރޭޝަން އަދި ޗެކިންގެ ހުރިހާ ކަމެއް ރާއްޖޭގައި ނިމިގެންދާތީ، ޖިއްދާ އެއާޕޯޓުގައި މަޑުކުރަން ނުޖެހި، ވަރަށް އަވަހަށް މައްކާއަށް ދަތުރު ފެށުމުގެ ފުރުޞަތު ޙައްޖުވެރިންނަށް ލިބިގެންދެއެވެ.
ރާއްޖެއަށް ކޮންމެ އަހަރަކުވެސް ލިބޭ 1000 ޙައްޖު ކޯޓާގެ ދަށުން، މިއަހަރުވެސް ޙައްޖަށް މީހުން ފޮނުވާފައިވަނީ ފައިސާ ދައްކާފައިވާ ތަރުތީބުން އިސްކަންދީގެންނެވެ.




