ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު 2026 ގައި ދ. މީދޫ ކައުންސިލްގެ ރައީސް ހޮވުމަށް ބޭއްވި އިންތިޚާބުގައި ދެ ކެންޑިޑޭޓުންގެ ވޯޓު އެއްވަރުވުމާ ގުޅިގެން، އެ މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިތުރު ބުރުގެ ވޯޓުލުން އަންނަ ޖޫން މަހުގެ 13 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމައިފިއެވެ.
މިގޮތަށް ނިންމާފައިވަނީ 2026 އެޕްރީލް 4 ގައި ބޭއްވުނު އިންތިޚާބުގެ ވޯޓު ފޮށްޓަކާ ގުޅޭގޮތުން ހައިކޯޓަށް ހުށަހެޅުނު ޤަޟިއްޔާއަކާ ގުޅިގެންނެވެ. ހައިކޯޓުގެ ނަންބަރު 2026/HC-I-SH/2 ޤަޟިއްޔާއިން، ދ. މީދޫ-2 (M1.2 | 208) ނަންބަރު ވޯޓު ފޮށީގެ ވޯޓު ކަރުދާހެއް ސައްޙަ ކަމަށް ކަނޑައަޅައި ޙުކުމް ކުރުމުން، ކައުންސިލް ރައީސްގެ މަޤާމަށް ވާދަކުރެއްވި ކެންޑިޑޭޓުންނަށް ލިބިފައިވާ ވޯޓު ވަނީ އެއްވަރުވެފައެވެ.
މި އިންތިޚާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާނީ:
ސުހާ އިބްރާހީމް (ޕީޕަލްސް ނޭޝަނަލް ކޮންގްރެސް - ކެންޑިޑޭޓް ނަންބަރު 1)
މުޙައްމަދު ޝާހިދު (މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް - ކެންޑިޑޭޓް ނަންބަރު 2)
އީސީން ހާމަކޮށްފައިވާ ގޮތުގައި، ޖޫން 13 ވާ ހޮނިހިރު ދުވަހު އޮންނަ މި ވޯޓުލުން ކުރިއަށްދާނީ އެދުވަހުގެ ހެނދުނު 8:00 އިން ހަވީރު 4:00 އަށެވެ. ވޯޓު ގުނަން ފަށާނީ ވޯޓުލާ ނިމޭތާ 30 މިނެޓުގެ މެދުކެނޑުމަކަށް ފަހުގައެވެ. އަދި މި އިންތިޚާބުގެ ރަސްމީ ނަތީޖާ އިޢުލާނުކުރުމަށް ހަމަޖެހިފައިވަނީ ޖޫން 14 ވާ އާދިއްތަ ދުވަހުއެވެ.
މި އިންތިޚާބާ ގުޅިގެން އެއްވެސް ޝަކުވާއެއް ނުވަތަ މައްސަލައެއް އޮތް ނަމަ، "ޝަކުވާ/މައްސަލަ ހުށަހަޅާ ފޯމު" މެދުވެރިކޮށް [email protected] އަށް ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ.




