އިންޑިއަން އޯޝަން ޓޫނާ ކޮމިޝަން (އައި.އޯ.ޓީ.ސީ) ގެ 30 ވަނަ އަހަރީ ބައްދަލުވުން ކާމިޔާބުކަމާއެކު ދިވެހިރާއްޖޭގައި ބާއްވައި ނިންމާލައިފިއެވެ. މިއީ މި ބައްދަލުވުން ރާއްޖޭގައި ބޭއްވުނު ފުރަތަމަ ފަހަރެވެ.
މި މަހުގެ 4 އިން 15 އަށް ބާސެލޯ ނަސަންދުރައިގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި، އިންޑިއާ ކަނޑުގެ އައްސޭރިފަށުގެ ގައުމުތަކާއި، މި ސަރަހައްދުގައި މަސްވެރިކަން ކުރާ އެހެނިހެން ގައުމުތަކުގެ އިތުރުން ކަމާގުޅުންހުރި ޖަމުޢިއްޔާ ޖަމާޢަތްތަކުން 225 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވިއެވެ. މި ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ އިންޑިއާ ކަނޑުގެ ކަނޑުމަހުގެ ބާވަތްތަކުގެ މަސްވެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ރާވައި ހިންގުމާއި، އެ ބާވަތްތައް ހިމާޔަތްކުރުމާ ގުޅޭގޮތުންނެވެ.
މި ސެޝަންގައި ކޮމިޝަންގެ 29 މެންބަރު ގައުމަކާއި، ކޮމިޝަނާ ގުޅިގެން މަސައްކަތްކުރާ 2 ގައުމެއްގެ އިތުރުން އޮބްޒާވަރުންގެ ގޮތުގައި 2 ގައުމަކުން ބައިވެރިވިއެވެ. އަދި ހިލޭ ސާބަހަށް މަސައްކަތްކުރާ 26 ޖަމްއިއްޔާއަކުން ވެސް މި ބައްދަލުވުމުގައި ބައިވެރިވެފައިވެއެވެ.
މި ފަހަރުގެ ބައްދަލުވުމުގައި ޖުމްލަ ހަތް ގަރާރެއް ފާސްކޮށްފައިވާއިރު، އޭގެ ތެރެއިން ތިން ގަރާރަކީ ދިވެހިރާއްޖޭގެ ފަރާތުން ހުށަހެޅި ގަރާރުތަކެކެވެ. ރާއްޖޭގެ ފަރާތުން ހުށަހަޅައި ފާސްކުރި ގަރާރުތަކަކީ:
- މަޑި (މޮބިޔުލިޑް) އާއިލާގެ ބާވަތްތައް ހިމާޔަތްކުރުމާ ގުޅޭ ގަރާރު.
މަސްވެރިކަމުގެ ތަފާސްހިސާބުތައް ހުށަހެޅުން ހަރުދަނާކުރުމާ ބެހޭ ގަރާރު.
ބީ.ބީ.އެން.ޖޭ މުއާހަދާއާ ގުޅިގެން މަސައްކަތް ކުރުމަށް މިދިޔަ އަހަރު ހުށަހެޅި ހުށަހެޅުން، އަމަލުކުރުން ލާޒިމުކުރާ ގަރާރަކަށް ބަދަލުކުރުމުގެ ގަރާރު.
މީގެ އިތުރުން ރީނދޫއުރަހަ ކަންނެއްޔާއި ތުންގަނޑު ހިބަރު ބޭނޭނެ މިންވަރު ކަނޑައަޅައި، އެކަން ތަންފީޒުކުރުމަށް އެޅޭނެ ހަރުދަނާ ފިޔަވަޅުތައް ބަޔާންކުރާ ދެ ގަރާރެއް ފާސްކުރުމުގައިވެސް ރާއްޖެއިން ވަނީ އިސް ދައުރެއް އަދާކޮށްފައެވެ.
މި ބައްދަލުވުން ރާއްޖޭގައި ބޭއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވީ، މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށާއި، އިންޑިއާ ކަނޑުގެ ވަސީލަތްތައް އަންނަން އޮތް ޖީލުތަކަށް ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމަށް މި ސަރުކާރުން ދޭ އަހަންމިއްޔަތެއްގެ ބޮޑުކަމުންނެވެ. މިއީ ސައިންޓިފިކް ހޯދުންތަކުގެ މައްޗަށް ބިނާކޮށް، ހަމަހަމަ އުސޫލަކުން މަސްވެރިކަން މެނޭޖްކުރުމަށް ރާއްޖެއިން ކުރާ މަސައްކަތް ހާމަކޮށްދިން ކަމެކެވެ.
ފިޝަރީޒް މިނިސްޓްރީން ވަނީ މި ބައްދަލުވުން ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށް އެހީތެރިވެދެއްވި އެންމެހައި ފަރާތްތަކަށް، ވަކިން ހާއްސަކޮށް އެމް.އެސް.ޕީ.އޭ، އެމް.ޓީ.ސީ.ސީ، އެމް.ފޯރމް.ޕީ.ސީ އަދި އެޗް.ޑީ.ސީ އަށް ޝުކުރު އަދާކޮށްފައެވެ.




