އއ. ފެރިދޫއަށް މަސްތުވާތަކެތި އެތެރެކުރި ކަމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އއ. ފެރިދޫ / ބިލަމަގުމާގެ، ޢަލީ ޢާމިރު (44އ) އެވެ.
ފުލުހުން ބުނީ މާލެއިން ފެރިދޫއަށް ދަތުރުކުރަމުންދާ ލޯންޗެއްގައި އޭނާ މަސްތުވާތަކެތި ގެންދާކަމަށް ލިބުނު މައުލޫމާތާ ގުޅިގެން މޭ 12 ވަނަ ދުވަހު ފެރިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަންގައި އެ ރަށު ބަނދަރުމަތިން އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 75 ރަބަރު ޕެެކެޓާއި ހަތް ސެލޯފިންކޮޅު ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުގައި ބެހެއްޓުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.




