މޫސުން ގޯސްވުމުގެ ސަބަބުން ރާއްޖޭގެ ބައެއް ހިސާބުތަކަށް ހުދު ސަމާލު ނެރެފިއެވެ.
މިގޮތުން މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ މިއަދު 07:50 އިން 13:00 އަށް، ބ. އަތޮޅުން ފެށިގެން ފ. އަތޮޅަށެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި މި ވަގުތުތަކުގައި މި ސަރަހައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެއެވެ.
މެޓް އޮފީހުން މިއަދު 18:00 އާ ހަމައަށް ރާއްޖޭގެ މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއެކު ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ.
މީގެ އިތުރުން، ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއިރު، އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.
އަދި މެޓް އޮފީހުން ލަފާކުރާ ގޮތުގައި ދެކުނާއި މެދުރާއްޖެތެރޭގެ އަތޮޅުތަކުގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެ ކަމަށާއި، އުތުރު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެއެވެ.




