ރާއްޖޭގެ ބައެއް ހިސާބުތަކަށް މޫސުން ގޯސްވުމުގެ ސަބަބުން ހުދު ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ މިއަދު 05:30 އިން 11:30 އަށް، ގއ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ދެމެދުގެ ރަށްތަކަށެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި މި ވަގުތުތަކުގައި މި ސަރަހައްދުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެއެވެ.
މެޓް އޮފީހުން މިއަދު 18:00 އާ ހަމައަށް ރާއްޖޭގެ މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބަށް ގުގުރުމާއެކު ވިއްސާރަކޮށް، ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ.
މީގެ އިތުރުން، ހުޅަނގާއި ހުޅަނގުއުތުރުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއިރު، އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.
އަދި މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކަނޑުތައް ގަދަވެފައި ރާޅުގެ އުސްމިނުގައި 4-7 ފޫޓު ހުންނާނެއެވެ.




