ބ. އޭދަފުށީގައި ތަރައްޤީކުރި ފަތާ ސަރަހައްދު ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.
"ވެށި ފަންނު" ގެ ނަމުން ނަން ދީފައިވާ މި ފަތާ ސަރަހައްދު ހުޅުވުމުގެ ރަސްމިއްޔާތުގައި މި ސަރަހައްދު ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ މެންބަރު އަހުމަދު ސަލީމެވެ.
މި ރަސްމިއްޔާތުގައި އޭދަފުށީ ކައުންސިލްގެ ރައީސް މުޙައްމަދު ފާތިޙާއި، އޭދަފުށީ ކައުންސިލްގެ މެންބަރުންނާއި، އެމްޓީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޖަމްޝީދުގެ އިތުރުން އެމްޓީސީސީގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.
އޭދަފުށީ ފަތާ ސަރަހައްދު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ފަޅުތެރެއިން 15،914 ކިއުބިކް މީޓަރުގެ ސަރަހައްދެއް ފުންކޮށް، 160 މީޓަރުގެ ސަރަހައްދެއްގައި ޖިއޯބޭގް ރިވެޓްމެންޓް ޖަހައި، 60 މީޓަރުގެ ބޮޑުހިލައިގެ ބޭރުތޮށްޓެއް ޖަހައި، 70 މީޓަރުގެ ގްރޮއިން ޖެހުމުގެ މަސައްކަތް ވަނީ ކޮށްފައެވެ.
މިއީ 4.63 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކުރި މަޝްރޫޢެކެވެ.




